ﷲ ހަނދުމަކުރާނެ ފަސް ގޮތެއް!

ކިޔުމަށް ހޭދަވާނީ 1މ 48ސ
ﷲ ހަނދުމަކުރާނެ ފަސް ގޮތެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

އިމާމް އިބްނުލް ގައްޔިމް ރަޙިމަހުﷲ ބަޔާންކުރައްވާފައިވާ ގޮތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނދުމަކުރުުން (ޛިކުރުކުރުން) ފަސް ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމަ ގޮތަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރީތި އިސްމުފުޅުތަކާއި ސިފަފުޅުތައް ހަނދުމަކުރުމެވެ. އެއީ ނަބިއްޔާ ﷺ ކިޔުއްވައި އުޅުއްވި ޛިކުރުތައް ކަމަށްވާ سبحان الله  (ﷲގެ ހުސްޠާހިރުވަންތަކަން ހާމަކުރަމެވެ)، الحمد لله (ހުރިހާ ޙަމދެއްވަނީ ﷲ އަށެވެ)، لا اله الا الله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) އަދި الله اكبر (ﷲ އެންމެ ބޮޑެވެ) ފަދަ ލަފްޒުތަކުން އެކަލާނގެއަށް ޙަމްދާއިޘަނާ ދެންނެވުމެވެ. ކީރިތި ގުރުއާނާއި ނަބިއްޔާ ﷺ ގެ ސުންނަތުން އަހަރެމެންނަށް ދަސްވެފައިވާ ސީދާ އެ ތައުރީފުގެ ބަސްތައް ބޭނުންކޮށްގެންނެވެ. 

ދެވަނަ ގޮތަކީ، އެކަލާނގެ ސިފަފުޅުތަކާއި ރީތި އިސްމުފުޅުތަކުގެ މާނަ ހަނދުމަކޮށް، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއިޘަނާ ދެންނެވުމެވެ. އެގޮތުން ﷲގެ ހެއްދެވުންތައް ފެންނަ ހިނދު سبحان الله  އޭ ބުނުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއީ އެންމެ މަތިވެރި ރަސްކަލާނގެއެވެ. 

ތިންވަނަ ބަޔަކީ، އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް (މަނާކުރެއްވި ކަންތައްތައް) ހަނދުމަކުރުމުގެ ތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނދުމަކުރުމެވެ. މިސާލަކަށް، ތިބާ ވަގުތުން ނަމާދުކުރުމުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި މީހުން ނަމާދަށް ފަރުވާކުޑަކޮށް ދޫކޮށްލުމުން ﷲ ރުހިވޮޑިނުގަންނަވައެވެ. 

ހަތަރުވަނަ ބަޔަކީ، އެކަލާނގެ ކުރައްވާފައިވާ އަމުރުފުޅުތަކަށް ކިޔަމަންވުމަށާއި، ޙަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އަވަސްވެގަންނަ ހިނދު، އެކަލާނގެ ހަނދުމަކުރުމެވެ. 

ފަސްވަނަ ގޮތް : އެކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކާއި، ބަރަކާތާއި، އޯގާތެރިކަމާއި، އެހީތެރިކަމުގެ އިތުރުން، އެކަލާނގެ އަޅާއަށް ދީލަތިވަންތަކަން މިންވަރުކުރެއްވި ވަގުތުތައް ހަނދުމަކުރުމެވެ. މިއީވެސް ޛިކުރުކުރުމުގެ އެންމެ މާތް ގޮތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ވީމާ، ޛިކުރުކުރުމުގެ މި ފަސް ބާވަތަކީވެސް ހިތާއި ދުލުން ކުރަންޖެހޭ ކަންތައްތަކެވެ.

 

- -މިއަދުނޫސް

 

މިއަދު އޮންލައިން