އަޅުގަނޑަކީ 45 އަހަރުގެ އަންހެނަކީމެވެ.
އަބަދުވެސް ބަނޑުހިކުުގެ މައްސަލަތައް ކުރިމަތިވެއެވެ. ދުވަސްވަމުން އައިސް ބޮޑުކަމުދެވުމުން ލޭފެންނަން ފށައިފިއެވެ. ތަންކޮޅެއް ބޭރަށް އިންނަންވެސް ފަށައިފިއެވެ.
އެހިސާބުން ޑޮކްޓަރު ބުނީ އެތެރޭގައި ދުޅަ އެބަހުރިކަމަށާއި ޖެހޭނީ އޮަޕޜޭޝަންކުރަން ކަމަށެވެ. ކަރިއޯސާޖަރީ ހެދުމުން އެޑްމިޓްނުވެވެސް ސަލާމަތްވާނެ ކަމަށާއި ތަދުވުން ކުށަވެފައި ވަރަށް އަވަހަށް ފަސޭހަވާނެ ކަމަށެވެ.
އަޅުގަނޑަކީ އެއްވެސް ވަރެއްގެ އޮޕރޭޝަނެއް ކުރަން ވަރަށް ބިރުގަންނަ މީހަކީމެވެ. އެހެންވެ އެކުވެރިންނާއި މަޝްވަރާކުރަމުން ދަނިކޮށް އެކަކު ބުނީ ކޮންމެ ދުވަހަކުވެސް މަދުވެގެން ދެއިރު 6، 8 ވަރު މާބުޅާފަތް ކެއުމަށެވެ. ނުބައި ނޫންނަމަ ގިނައިން ކުއުމަކީވެސް މައްސަލައެއް ނޫން ކަމަށެވެ.
މާބުޅާގަސްތައް ވަރަށް ގިނައިން ރަށުގައި ހުންނާތީ ފަތްކާންފެށީމެވެ. ފަހަރަކު 10 ، 12 ފަތްވެސް ކަމެވެ. ލޮނުފެންފޮދަކުން ރަނގަޅަށް ދޮވެލުމަށްފަހު ފިޔާކޮށައި ލުނބޯހުތް ޖަހައި އެއްކޮށްގެންވެސް ކަމެވެ. ކުޅިވީމަ ދިލަނަގާތީ މިރުހެއް ނުލަމެވެ.
ތެދަށް ބުނާނަމަ 10 ވަރަކަށް ދުވަސްތެރޭގައި ލުއިވާން ފަށައިފިއެވެ. 3 މަސްވީއިރު ހުރިހާ އުނދަގޫތަކުން ސަލާމަތްވެއްޖެއެވެ. ބަނޑުހިކުމުގެ މައްސަލަވެސް ޙައްލުވިއެވެ. އެހެންވީމާ އަޅުގަނޑުގެ ފުރަގަސްފަރާތު ބައްޔަށް ކްރިއޯށާޖަރީ ހަދައިދިން ޑޮކްޓަރަކީ މާބުޅާފަތެވެ.
އަޅުގަނދަކީ ބޭސްވެރިއެއް ނޫނެވެ. ވީމާ މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެދިން ބޭހެއް ނޫނެވެ. އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާއެއް ޙިއްޞާކޮށްލީއެވެ. މާބުޅާފަތަކީ ފުރަގަސްފަރާތުގެ މައްސަލަތަކަށް ފަރުވާއެއްކަން ފަހުން ބައެއް ދިވެހިބޭސްވެރިންގެ ކިބައިންވެސް އެނގުނެވެ.
ނިންމާލަމުން އެއްވާހަކަ ބުނެލާނަމެވެ. އަޅުގަނޑަށް އެކަމުން ޝިފާދެއްވެވުން އެދިގެން ވަރަށް ގިނައިން ދުޢާވެސްކުރީމެވެ. އެއީ ކިތަންމެ މޮޅު ބޭހެއް ކެޔަސް ޝިފާލިބޭނީ ﷲ ދެއްވެވުމުންކަން ވިސްނޭތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް