އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 7: މާތް ރަސޫލާ ޞޢޥ، ޞަފިއްޔަތުގެފާނު ގޮވައިގެން މަދީނާއަށް ވަޑައިގަތުން-

ކިޔުމަށް ހޭދަވާނީ 4މ 45ސ
އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 7: މާތް ރަސޫލާ ޞޢޥ، ޞަފިއްޔަތުގެފާނު ގޮވައިގެން މަދީނާއަށް ވަޑައިގަތުން-

ޢަލީ އިޙްޞާން ފިރާޤް

 

ލަޝްކަރު މަދީނާ އައުން: 

ލަޝްކަރު ދަތުރުކުރުމަށްޓަކައި ޖަމަލު ތައްޔާރުކުރެވުނު ވަގުތު، ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނު ސަވާރީއަށް އަރައިވަޑައިގަތުމަށް ފަސޭހަކޮށްދެއްވުމުގެ ގޮތުން، އެކަލޭގެފާނުގެ ފައިންޕުޅު (ނުވަތަ ކަކޫފުޅު) ބިމުގައި ޖައްސަވައި، އެކަލޭގެފާނުގެ ފައިންޕުޅުގެ މަތީގައި ޞަފިއްޔަތުގެފާނުގެ ފައިންޕުޅު އެޅުއްވުމަށް ފުރުޞަތު ދެއްވިއެވެ.  

ނަމަވެސް އެކަމަނާ، ރަސޫލާ صلّى اللّـه عليه وسلّم އަށް ބެހެއްޓެވި އިޙްތިރާމެއްގެ ބޮޑުކަމުން، އެކަލޭގެފާނުގެ ފައިންޕުޅު މަތީގައި ސީދާ އެކަމަނާގެ ފައިންޕުޅު އެޅުއްވުމަށް އިންކާރު ކުރެއްވެވިއެވެ. އޭގެ ބަދަލުގައި އެކަމަނާގެ ކަކޫފުޅު އެކަލޭގެފާނުގެ ފައިންޕުޅު މަތީގައި ޖައްސަވައިގެން ސަވާރީއަށް އަރައިވަޑައިގަތެވެ (އިބްނު ސަޢުދު، 1995، ޞ 86).  

މިއީ އެކަމަނާގެ ކިބައިގައި ހުރި އަދަބުވެރިކަމާއި، އަނބިއަނބިކަނބަލުންނަށް ރަސޫލާ صلّى اللّـه عليه وسلّم ބެހެއްޓެވި އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ހިތްތިރިކަމުގެ ރީތި ނަމޫނާއެކެވެ. 

ލަޝްކަރު މަދީނާއާ ކައިރިވެ، ރަށުގެ ފާރުތައް ފެނުމުން ލިބުނު އުފާވެރިކަމާއެކު، ލަޝްކަރުގެ ބައިވެރިން ދަތުރު އަވަސްކުރިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ވެސް އެކަމަނާ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ބައިންދަވައިގެން ސަވާރީގެ ދުވެލި އަވަސްކުރެއްވިއެވެ. އެ ވަގުތު، ކުއްލިއަކަށް އެކަލޭގެފާނާއި ޞަފިއްޔަތުގެފާނާއެކު ޖަމަލު ބިންމައްޗަށް ވެއްޓިއްޖެއެވެ.  އަޞްޙާބު ބޭކަލުންގެ އަދަބުވެރިކަމުގެ ބޮޑުކަމުން، އެކަލޭގެފާނާ ދިމާލަށާއި އެކަމަނާއާ ދިމާލަށް އެއިން އެއްވެސް ބޭކަލަކަށް ބައްލަވާކަށް ކެރިވަޑައެއްނުގެންނެވިއެވެ.

(އިބްނު ސަޢުދު، 1995، ޞ 88). 

މި ޙާދިޘާ ހިނގި ވަގުތު، ރަސޫލާ صلّى اللّـه عليه وسلّم ގެ ފަހަތްޕުޅުން ދަތުރުކުރެއްވި އެއްބޭކަލަކީ އަބޫ ޠަލްޙާ رضي الله عنه އެވެ. އެކަލޭގެފާނު އަވަސް އަވަހަށް ޖަމަލުން ފައިބައިވަޑައިގެން، ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ ﷲ ގެ ނަބިއްޔާއެވެ! ކަލޭގެފާނަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގަތްތޯއެވެ؟] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. [ނޫނެކެވެ. ތިމަންކަލޭގެފާނަށް އަނިޔާއެއް ނުވެއެވެ. އެކަމަނާއަށް ކަމެއްވިތޯ ބައްލަވާށެވެ.] އަބޫ ޠަލްޙާ رضي الله عنه ރިދާކޮޅު ނަންގަވައި އެކަލޭގެފާނުގެ މޫނުފުޅު ނިވާކޮށްލެއްވިއެވެ. ޞަފިއްޔަތުގެފާނުގެ އަރިހަށް ވަޑައިގެން އެ ރިދާކޮޅު އެކަމަނާއާ ދިމާއަށް އެއްލަވައިލެއްވިއެވެ. އެ ރިދާކޮޅުން ނިވާވެވަޑައިގެން އެކަމަނާ ތެދުވެވަޑައިގެންނެވިއެވެ (އިބްނު ސަޢުދު، 1995، ޞ 88). 

މަދީނާ ފެންނަ ހިސާބަށް ދެވުމުން، ދަތުރު ނިމި ރަށަށް ވަދެވޭ ވަގުތު ކިޔާ ޛިކުރެއްގެ ގޮތުގައި ކިޔާ ދުޢާ ވިދާޅުވަމުން ލަޝްކަރުގެ މުޖާހިދުން މަދީނާއަށް ވަދެވަޑައިގަތެވެ. އެ ދުޢާއަކީ (آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ) [ތިމަންމެން މިއައީ ތައުބާވަމުން، އަޅުކަންކުރަމުން، އަދި ތިމަންމެންގެ ވެރި ރައްބަށް ޙަމްދުކުރަމުން] ނެވެ (އިބްނު ސަޢުދު، 1995، ޞ 89). 

މަދީނާއަށް ވަދެވަޑައިގަތުމުން ޞަފިއްޔަތުގެފާނަށް ނަފްސާނީ އަދި އިޖުތިމާޢީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެގޮތުން، ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުން އެ ދިމާލަށް ބެއްލެވުމަށްފަހު [ﷲ މި ޔަހޫދީ އަންހެނާ މާތް ރަސޫލާއާ ދުރުކުރައްވާށިއެވެ!] މިފަދައިން ވިދާޅުވެ އެކަމަނާއާ ދިމާލަށް އެކި އެއްޗެހި ވިދާޅުވިއެވެ (އިބްނު ސަޢުދު، 1995). އެ އަނބިއަނބިކަނބަލުންގެ އަޅުއަންހެނުންވެސް ނިކުމެ، ޞަފިއްޔަތުގެފާނާ ދިމާލަށް ބަލައި، އެކަމަނާ ސަވާރީން ވެއްޓިވަޑައިގަތް ޙާދިޘާއާ މެދު މަލާމާތްކޮށް ހެދިއެވެ (އިބްނު ސަޢުދު، 1995، ޞ 89).

ޢަބްދުالله ބިން ޢުމަރު ރަޟިޔަالله ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނާއެކު މަދީނާއަށް ވަޑައިގަތް ވަގުތު އެއްވަފައި އޮތް މީސްތަކުންގެ ތެރޭގައި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުވެސް ހުންނެވިއެވެ. އެކަމަނާ ހުންނެވީ ނިޤާބު ތުރުކުރައްވައިގެންނެވެ. ނަމަވެސް ރަސޫލާ صلّى اللّـه عليه وسلّم އަށް އެއީ އެކަމަނާކަން ރަނގަޅަށް އެނގިވަޑައިގެންނެވިއެވެ. އެކަން އަންގަވަން ވެގެން އެކަމަނާގެ ހެދުންކޮޅުގައި ހިއްޕަވާ ވިދާޅުވިއެވެ. [يا شقيراء ކަމަނާއަށް ފެނިވަޑައިގަތީ ކޮން އެއްޗެއް (ނުވަތަ ކާކު) ތޯއެވެ؟] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ.] އެއީ މުނާސަބު ވަގުތު ނޫންކަމުން ރަސޫލާ صلّى اللّـه عليه وسلّم އެކަމާ މެދު އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ (އިބްނު ސަޢުދު، 1995، ޞ 89).

 

މިއަދު އޮންލައިން