މެރިކަލްޗަރ ސިނާއަތް ތަރައްޤީކޮށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަންކަން ފަހިވާނެފަދަ މާހައުލެއް ޤާއިމްކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ ކުރިއެރުވުމަށް ހިންގާ ތަމްރީނު ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންދަން ނިންމީ އަހަރަކު 2 ޕްރޮގްރާމްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު މިހާރު ވަނީ އަހަރަކު 4 ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ 3 ވަނަ އަދި 4 ވަނަ ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޯބަރ އަދި ނޮވެމްބަރ މަހުގެ ތެރޭގައެވެ.
މީގެއިތުރުން، މި ސިނާއަތް އިތުރަށް ހަރުދަނާކޮށް އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މެރިކަލްޗަރ ފަހިކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
"މިހާރު މަޖިލީހުގައި އޮންނާނެ މެރިކަލްޗަރ ފަހިކުރުމަށްޓަކައި 2 ޤާނޫނަކަށް ގެނެވޭ އިސްލާޙު. އޭގެތެރޭގައި މަސްވެރިކަމުގެ ޤާނޫނަށް ގެނެވޭ އިސްލާޙާއި އަދި ހަމަ އެއާއިއެކީގައި ދެން އޮތީ އިސްލާޙަކަށްވުރެ ބޮޑަށް އައު ބިލެއް މަޖިލީހަށް ހުށައެޅިފައި. ރާއްޖޭގައި ފަޅު ރަށްތަކާއި ފަޅުތަކާއި ބެހޭ ޤާނޫނެއް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިލުތައް ޤާނޫނަކަށް ބަދަލުވެގެން ދިއުމުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، މި ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށް ފަހި ޤާނޫނީ ފްރޭމްވޯކެއް ޤާއިމްވެގެންދާނެއެވެ.