މިއަހަރުގެ މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މިހާތަނަށް ޖުމުލަ 8,039 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން 2,201 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. މިއީ މުޅި ޖުމްލަ ރިޕޯޓްކުރެވުނު މައްސަލަތަކުގެ 27.4 އިންސައްތައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކެވެ. އެގޮތުން އެކްސިޑެންޓްގެ 1,930 މައްސަލައެއް ހުށަހަޅާފައިވާއިރު، މަސްތުވާތަކެތީގެ 1,717 މައްސަލަ އަދި ތަކެތި ގެއްލިގެން 652 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން އަނިޔާކުރުމާއި މާރާމާރީގެ 422 މައްސަލަ، ތަންތަނަށާއި މުދަލަށް ގެއްލުންދިނުމުގެ 407 މައްސަލަ، އަދި ގެވެށި އަނިޔާގެ 209 މައްސަލަ ހިމެނެއެވެ.
އަދި ޚިޔާނާތްތެރިވުމުގެ 169 މައްސަލައަކާއި، ޖިންސީ ގޯނާގެ 167 މައްސަލަ، ފޭރުމުގެ 100 މައްސަލައިގެ އިތުރުން ފޯޖަރީ އަދި ކައުންޓަރފީޓްގެ 35 މައްސަލައެއް ވެސް މިއަހަރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 2,193 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 2,207 އަށް އަރާފައެވެ.