ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ 54 މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ. މި ބިލް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 2 މެމްބަރެކެވެ. ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާ އެކުގައެވެ.

މި ބިލަކީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ބަޔާންކުރުމަށް ހުށަހެޅި ބިލެކެވެ.

މިބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ޚިދުމަތެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ނުވިނަމަވެސް، ޚިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ، އެއީ ވެސް ރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއްގެ ގޮތުގައި ބަލާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައިދޭނަމަ އެއީ ޖީއެސްޓީ ނެގުން ލާޒިމުވާނެ ހާލަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި އިސްލާހުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއުމާއި، ދަތުރުފަތުރު ފަދަ ފަތުރުވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތަކެވެ.

މިއަދު އޮންލައިން