ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކުނި މެނޭޖްކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ނޭދެވޭ އަސަރެއް ކޮށްފި ޙާލަތެއްގައި، އެ ފަދައިން ޢަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު ލިބިދޭ ގޮތަށް، ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި އިޞްލާޙުގެ ދަށުން، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، އެ ތަންތަނުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމުގެ އުސޫލުތައް ކަނޑައެޅުމުގައި ޤާނޫނު ތަންފީޛުކުރާ ވުޒާރާއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ވަނީ ސާފުކޮށް ކަނޑައަޅާފައެވެ. އަދި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ ދީފައެވެ.
މީގެއިތުރުން، އިޤްތިޞާދީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަޙައްދުތަކުގައި ކުނި މެނޭޖުކުރުމުގެ އެކަށީގެންވާ ނިޒާމެއް ހިންގާތޯ ކަށަވަރުކުރުމާއި، ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ޒިންމާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ މަތިކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށެއްގެ އިޚްތިޞާޞްގައި ނުހިމެނޭ ތަންތަނުގައި އުފެދޭ ކުނި، މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭނެ ގޮތްތަކާއި އިންޑަސްޓްރިއަލް ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވައިލުމުގެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
އަދި ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާގެ ފީ، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ބޮނޑިތަކުން އިސްތިސްނާވާ ގޮތަށް ހަމަޖައްސައި، ޑަބަލް ޓެކްސްގެ މައްސަލައަށް މި އިޞްލާޙުގެ ސަބަބުން ޙައްލެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ޚާއްޞަ ހުއްދައެއް ނެތި ނުރައްކާތެރި ކުނި ވިއްކުމާއި، ބޭނުންކުރުމާއި، ބެހުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އަދި އިޞްލާޙުކުރަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެއެވެ.