ނީލަމަށްލި މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނީލަމަށްލި މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން: ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫންކަމަށް އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ ރައީސުންނާއި ނައިބު ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއް ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ތަރުޖަމާނު ވިދާޅުވީ، މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު ނީލަމަށްލާފައިވަނީ ކުނޑިފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް ރައީސް އޮފީހުން ނީލަމަށްލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ ނިޝާން ނައްޓައިލުމަށްފަހުގައިކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް، ހަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް ބަޔަކު މަސައްކަތްކޮށްފައިވާކަމަށް ތަރުޖަމާނު ވަނީ ތުހުމަތުކުރައްވާފައެވެ.

ތަރުޖަމާނު ވަނީ މިފަދަ ހަބަރުތައް މީޑިއާގައި ޝާއިއުކުރެއްވުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ސައްހަ މަޢުލޫމާތު ހޯއްދެވުމަށާއި، ރަސްމީގޮތުން ކަށަވަރުކުރެއްވުމަކާ ނުލައި ހަގީގަތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާގޮތަށް މިފަދަ މައުލޫމާތު އާއްމުނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މީޑިއާ

މިއަދު އޮންލައިން