ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް މަގުފަހިކުރުމަށް ޚާއްސަ "އޯޕަން ޑޭ" އެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް މަގުފަހިކުރުމަށް ޚާއްސަ "އޯޕަން ޑޭ" އެއް ބާއްވައިފި

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އަދި ސެއިލްސް ޕްރޮޖެކްޓް ގުޅިގެން ޚާއްސަ "އޯޕަން ޑޭ" އެއް ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވިލާ ކޮލެޖްގެ އެހީތެރިކަމާއެކު، އެ ކޮލެޖުގެ ހޯލުގައި މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

މިއީ ވަޒީފާ ނެތް ފަރާތްތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، މި ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެކެވެ. މި އޯޕަން ޑޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އެޕްރެންޓިސްޝިޕް އަދި މި ދާއިރާއިން ކުރިއަށްދެވެން ހުރި ފުރުޞަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ.

މި ހަރަކާތުގެ ތެރެއިން ވަޒީފާގެ 27 ފުރުސަތަކާއި، 13 އެޕްރެންޓިސްޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން 30 ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ސެންޓާރާގެ ރިސޯޓުތަކުގެ ޚިދުމަތްތަކާއި ހިންގުންތެރިކަން ބަލާލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި އޯޕަން ޑޭގައި ރާއްޖޭގައި ހިންގާ ސެންޓާރާގެ 4 ރިސޯޓަކުން ބައިވެރިވެފައިވެއެވެ.

ހަރަކާތުގެ ބައިވެރިންނަށް ސެންޓާރާގެ ރެކްރޫޓްމަންޓް ޓީމާއި، އެޗް.އާރް މަންދޫބުންނާ ބައްދަލުކޮށް މި ދާއިރާގެ މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، ވަގުތުން ސީވީ ސްކްރީންކޮށް އިންޓަވިއު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ސެންޓާރާގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި، ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބު ސެޝަންތައްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު އޮންލައިން