މޫސުމީ ބަދަލުތަކާއި ކުރިމަތިލާ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން މުހިންމު ދައުރެއް ދަނީ އަދާކުރަމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މޫސުމީ ބަދަލުތަކާއި ކުރިމަތިލާ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން މުހިންމު ދައުރެއް ދަނީ އަދާކުރަމުން: ވަޒީރު

މޫސުމީ ބަދަލުތަކާއި ކުރިމަތިލާ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާތަކަށް ކުރާ އަސަރުތަކާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކާމިޔާބުކަމާއިއެކު ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ އެކި ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވީ، "ރާއްޖޭގެ އުއްމީދުތައް ގުޅިފައިވަނީ ކާމިޔާބު މުސްތަޤްބަލަކާއި. އެކަން އެކަނި ނުކުރެވޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެ އަމާޒަށް ވާސިލްވާން ޤައުމުތަކުން އެކުގައި މަސައްކަތްކުރުން މުހިންމު" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފަދަ ޕްލެޓްފޯމްތަކަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ނުހަނު މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކޮށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ކުދި ޤައުމުތަކުން ދައްކާފައިވަނީ ރަނގަޅު ނަމޫނާއެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ ސިޑްސް ބިޒްނަސް ގްލޯބަލް ފޯރަމް ވެފައިވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަދި ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް" ކަމަށެވެ.

މިއަދު އޮންލައިން