ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މަރުކަޒީ ބޭންކުން ވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ފައިސާ މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ޤާނޫނުގެ ދަށުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާ ދެ ރިސޯޓަކީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުގައި، ގިނަ ރިސޯޓުތަކުން ދަނީ ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންނެވެ. އެގޮތުން 78 އިންސައްތަ ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ގެންގޮސްފައިނުވަނީ 20 އިންސައްތަ ރިސޯޓުންނެވެ.
މި 20 އިންސައްތަ ރިސޯޓުތަކުގެ ތެރެއިން ގިނަ ތަންތަނުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް މަރުކަޒީ ބޭންކުން ވަނީ އެ ފަރާތްތަކަށް ހަނދާންކޮށްދީފައެވެ.
މަރުކަޒީ ބޭންކުގެ ރިޕޯޓުގައިވާ ކެޓަގަރީ ބީ އަށް ބަލާއިރު، އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުގެ ތެރެއިން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވަނީ 48 އިންސައްތަ ތަންތަނުންނެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ 15 އިންސައްތަ ފަރާތްތަކުން ކަމަށްވާއިރު، 37 އިންސައްތަ ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.