ބައިވެރިޔާގެ ހިތުގަ ޖެހޭ ގޮތަށް ބުނެވޭ ބަހަކަށް މާފުކުރިޔަސް ހަނދާން ނައްތާލުމަކީ ފަސޭހަކަމަކަށްނުވާނެކަން ދަންނަޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބައިވެރިޔާގެ ހިތުގަ ޖެހޭ ގޮތަށް ބުނެވޭ ބަހަކަށް މާފުކުރިޔަސް ހަނދާން ނައްތާލުމަކީ ފަސޭހަކަމަކަށްނުވާނެކަން ދަންނަޖެހޭނެ!

ބައެއް މީހުން ވަރަށް ފަސޭހައިން "ތިބާއާ ކައިވެނިކުރެވުނުކަން އެއީ ހެދުނު އެންމެ ބޮޑު ގޯހެވެ. މިވެނި މީހެއްގެ ބައިވެރިޔާ ކިހާ ރަނގަޅު ހެއްޔެވެ؟" ފަދަ ބަސްތައް ބުނެއެވެ. މިބުނެވެނީ ކިހައި ބާރުގަދަ ބަސްތަކެއް ކަމާއިމެދު ވިސްނައިވެސް ނުލައެވެ.  

މިފަދަ ކޮންމެ ބަހަކުން އަނެކާއަށް ވަރަށް އަސަރުކުރާނެއެވެ. އޭނާގެ އަގެއް ނެތްކަމާއި ނިކަމެތިކަން އިޙްޞާޞްކުރެވޭނެއެވެ. އެކަމުގެ އަސަރު ހިތުގައި ޢުމުރަށް ހަރުލާފައި ހުރެއެވެ. ވީއިރު މިކަމަށް ސަމާލުކަންނުދީ ދިރިއުޅުން އުފާވެރިކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހިގެން ލަފާހޯދަން އަންނަ މީހުންގެ ވާހަކަތަކަށް ބަލާއިރު ޖިސްމާނީ އަނިޔާގެ މައްސަލަތަކަށްވުރެ ބޮޑުތަނުން ގިނައީ ހިތަށް އަނިޔާވާނެ ބަސްތައް ބުނުމުގެ މައްސަލައެވެ. އެކަމުން އެނގެނީ ވިސްނާނުލައި ގިނަބައަކު ބަސްބުނާކަމެވެ.  

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ކުރީޒަމާނުގައި ބުނެއުޅެނީ ކަނޑިފާރު ފިލިޔަސް ހިތުފާރު ނުފިލާނެ ކަމަށެވެ. މާނައަކީ ކުރާ ޖިސްމާނީ އަނިޔާއެއްގެ ހަނދާން ނައްތައިލެވުނަސް ހިތުގައި ޖެއްސީމާ އެކަން ހިތުން ފުހެ ނުލެވޭ ކަމެވެ.  

މިއަދު ގިނަ ބައަކު މިތިބީ ކިޔަވައި ހޭލުންތެރިވެގެންނެވެ. ދިރިއުޅެން އެންމެ ފައިދާހުރި ގޮތް ދަސްވެސްކޮށްގެންނެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށްބަލާއިރު އެނގިގެންހުރި އެއްޗަކުން ކުރާ ފައިދާއެއް ނުފެނެއެވެ. މިއީ ބޮޑު މައްސަލައެއް ނޫން ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! ދުލުން ބުނެވޭ ބަސްތަކަށް ރައްކައުތެރިވާށެވެ! އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނެ ހިތް ކަތިނުލާށެވެ! އެކަމުގެ ހިތާމަ މުޅި ޢުމުރަށް ކުރަންޖެހިދާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން