ބައިވެރިއަކަށް ތަޤްވާވެރިއަކު ބޭނުންނަމަ ދުޢާކުރުންމަތީގަ ކެތްތެރިވެލީމާ އެފަދަ މީހަކު ތިބާގެ ގާތަށް ފޮނުއްވަވާނެކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ބައިވެރިއަކަށް ތަޤްވާވެރިއަކު ބޭނުންނަމަ ދުޢާކުރުންމަތީގަ ކެތްތެރިވެލީމާ އެފަދަ މީހަކު ތިބާގެ ގާތަށް ފޮނުއްވަވާނެކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

މިޙާދިސާ މިގެނެސްދެނީ ބައެއް ކަނބަލުންގެ އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް ހިތްވަރެއްގެ ގޮތުނަނެވެ. އެއީ ތަޤްވާވެރި ފިރިއަކަށް އިންތިޒާރުކުރުމެވެ. ބައިވެރިއަކު ނުލިބި ލަސްވިޔަސް ކެތްތެރިވެލުމެވެ. 

ލިޔުމާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ!  

ކަންދިމާވިގޮތުން އަހަރު ނުވަނީސް ފުރަތަމަ ކައިވެނި ރޫޅިއްޖެއެވެ. އެކަނި އިންނަތާ 6 މަސްދުވަސްދުވަސް ފަހުން 2 ވަނަ ކައިވެނިކުރީމެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނުތަނުން އެކައިވެނިވެސް ރޫޅިއްޖެއެވެ.  

2 ފިރިންކުރެ އެކަކުވެސް ކުށްވެރިކުރާކަށް ނެތީމެވެ. އަޅުގަނޑަށް ވިސްނޭ ގޮތުން މައްސަލަތައް ކުރިމަތިވަނީ ދީނަށް ލޯބިކުރެވޭވަރު ކުޑަވުމުންނެވެ. އެހެންވެ އަޅުގަނޑު މިހާރު ނިންމައިގެން މިހުންނަނީ ކިތަންމެ ދުވަހަކު އެކަނި އިންނަން ޖެހުނަސް ﷲ އަށް ބިރުވެތިވާ މީހަކު ލިބުނު ދުވަހަކުން ނޫނީ ކައިވެނި ނުކުރުމަށެވެ. އެހެންވެ އެކަނި އިންނަތާ މިހާރުވެސް 3 އަހަރު ވެއްޖެއެވެ.  

އަޅުގަބނޑުގެ ސުވާލަކީ ﷲ އަށް ބިރުވެތިވާ ފިރިއަކަށް އިންތިޒާރުކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ މިސުވާލު މިކުރީ ބައެއް މީހުން ބުނަނީ އެއީ ވަޤުތު ނަގައިލުން ކަމަށްވާތީއެވެ.  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި މިގެނެސްދެނީ މާގިނަ ދުވަހު އިންތިޒާރުކުރި ކަނބަލެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަހަރެންގެ އުމުރަކީ މިހާރު 35 އަހަރެވެ. އަހަރެންގެ ގިނަ އެކުވެރިން މިހާރު ކައިވެނިކޮށްފިއެވެ. ގިނަކުދިން މިހާރު ދަރިންވެސް ހޯދައިފިއެވެ. ބައެއް ކުދިން ވަރިވެސް ވެއްޖެއެވެ.  

އަހަރެންވެސް ކައިވެނިކުރަން ބޭނުންވެއެވެ. ނަމަވެސް އަހަރެންނަށް އަދިވެސް ފިރިއަކު ލިބޭނެ ގޮތެއް ނުވެއެވެ. ކައިވެނި ކުރަން ބޭނުން ކަމަށް ބައެއް ފިރިހެނުން ބުނަންވެސް ބުނެއެވެ. ނަމަވެސް އަހަރެން ބޭނުންވާ ގޮތާއި އެމީހުން ދައްކާ ވާހަކަ ދިމާނުވަނީއެވެ.  

އެމީހުން ދައްކަނީ އަހަރެންގެ ސިފައިގެ ވާހަކަ އާއި އަހަރެން ދެކެ ލޯބިވާ ވާހަކައެވެ. ނަމަވެސް އެއީއަކީ އަހަރެންނަށް އެއްވެސް މުހިންމު ވާހަކަތަކެއް ނޫނެވެ! އަހަރެންގެ ސިފަ ބަދަލުވާނެއެވެ. ރީތިކަންވެސް ގެއްލޭނެއެވެ. ލޯބިކަންވެސް ގެއްލޭނެއެވެ. ވީމާ އެދައްކާ އެއްވެސް ވާހަކައަކަށް އަހަރެންގެ އެއްވެސް ސަމާލުކަމެއް ނެތެވެ.  

އަހަރެން ބޭނުންވަނީ ހަމައެކަނި އެންމެ ޝަރުޠެކެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ ތަޤްވާވެރިވާނެއެވެ. އަދި ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވާއިރަށް އަހަރެންނަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އަހަރެންގެ ލޮލުން ކަރުނަ ބާލާ މީހަކަށްވެސް ނުވާނެއެވެ.  

އަހަރެންގެ ފިރިމީހާއަކީ ތަނަވަސް ފައިސާވެރިއަކަށްވާކަށްވެސް ބޭނުމެއް ނޫނެވެ. އޭނާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު ކަމުގައި ވަނީ ނަމަ ﷲ ތަޢާލާ އަހަރެމެންނަށް ރިޒްޤް ދެއްވަވާނެތެވެ. އަދި އެހެން ބޭނުންތައްވެސް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ.  

ކައިވެނި ނުކުރެވި ލަސްވާތީ އަހަރެން ހިތާމައެއް ނުކުރަމެވެ. ކަންބޮޑެއްވެސް ނުވެއެވެ. ތަންކޮޅެއް ލަސްވި ނަމަވެސް އަހަރެން އެދޭ ފަދަ ފިރިއަކު އަހަރެންނަށް ﷲ ތަޢާލާ ދެއްވަވާނެ ކަމާއިމެދުގައި އަހަރެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަމެވެ. އަހަރެން މިހިރީ އަހަރެންނަށް އަހަރެން އެދޭވަރަށްވުރެވެސް ފުރިހަމަ ފިރިއެއް ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ.  

މިއީ މީގެ 2 އަހަރުކުރިން އަހަރެންގެ ޑައިރީގައި ލިޔުނު ވާހަކައެކެވެ. މިއަދުގެ ވާހަކަ އިތުރުކޮށްލަމާ ހިނގާށެވެ!  

އަހަރެންގެ ކައިވެންޏަށް މިހާރު މިއީ 18 މަސް ދުވަހެވެ. އަހަރެންގެ ފިރިމިހާއަކީ ޔުނިވަރސިޓީގައި ކިޔަވައިދޭ ލެކްޗަރަރ އެކެވެ. 18 މަސްދުވަސް ފާއިތުވިއިރުވެސް ދުވަހަކުވެސް ހިނިތުންވެފައި ހުރެގެން ނޫނީ ވާހަކަ ވެސް ނުދައްކައެވެ. ގެއަށް އައުމަށްފަހު އެންމެ ސީރިއަސް ކަމާއިއެކު ކުރާ ސުވާލަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރި ވަގުތެވެ! ނިދަން އެނދަށް އަރަމުން ކޮންމެ ރެއަކުވެސް 3.30 އަށް ގަޑި ސޯނާކުރިންތޯ ސުވާލުކުރާނެއެވެ. އެ ސުވާލުތައްވެސް ކުރަނީ ހިނިތުންވެ ހުރެއެވެ.  

ވީމާ އަހަރެންގެ ޙަޔާތުގެ މިވާހަކަ ކިޔާފައި އަމިއްލަ އަށް ފާޑުކިޔާށެވެ! އަހަރެން އަމިއްލައަށް ވަކި އެއްޗެއް ބުނާކަށް ނެތީމެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

 

މިއަދު އޮންލައިން