ވަޒީރު އެދިވަޑައިގަތީ ހުއްދަލިބިފަ އޮންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި ޑޮލަރު މާރުކުރުމަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ވަޒީރު އެދިވަޑައިގަތީ ހުއްދަލިބިފަ އޮންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި ޑޮލަރު މާރުކުރުމަށް

ޑޮލަރު މާރުކުރާނަމަ ހުއްދަލިބިފަ އޮންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި މާރުކުރުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

ވަޒީރު މިކަމަށް އެދިވަޑައިގަތީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން މިވަގުތު މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހުއްދަ ނުނަގައި އަދި ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން ރުފިޔާ މާރުކުރަމުންދާކަން ފާހަގަވަ ކަމަށް ވިދާޅުވެފައެވެ.

އެމްއެމްއޭގެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަމުންމިދާ މައްސަލައިގަ މިހާތަނަށް 7 ތަނެއް ބަލާ އަޅުގަނޑުމެން ވާނެ މަޢުލޫމާތު އެއްކޮށްފަ. މީގެ އިތުރު ތަންތަންވެސް އަޅުގަނޑުމެން މިދަނީ ބަލަމުން. ޚާއްސަކޮށް ޤާނޫނާ ޤަވާޢިދާ ޚިލާފަށް ހުއްދަ ނުނަގާ ރާއްޖޭގައި ޑޮލަރު މާރުކުރުމަކީ ޖިނާޢީ ކުށެއް. ފަހަރެއްގަ ވަރަށް ގިނަ މީހުންނަށް މީ އާދައިގެ ކަމެއްގެ ގޮތުގައި ބެލިގެން މިކަން ކުރެވިފަ އޮވެދާނެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭ. ވަޒީރު

ވަޒީރު ވަނީ ނޭގިތިބެ ނަމަވެސް ޖިނާޢީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިނުގަތުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ބޭރު ފައިސާ މާރުކުރާނަމަ ހުއްދަ ލިބިފަ އޮންނަ ލައިސަންސްދީފަ ހުންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި މާރުކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

އެ ރޭޓުގައި އެއަށްވުރެ ބޮޑަށް އެކަންކުރާނަމަ ތިބޭފުޅުންވެސް ދަންނަވާ އެ އެކްސްޗޭންޗްތަކަށް ތިބޭފުޅުންނަށް ދެއްވާފަ އޮންނަ ހުއްދައާ ރާއްޖޭގައި ހެދިފަ އޮންނަ ގާނޫނުތަކާ ޚިލާފަށޭ ތިކަން ތި ކުރައްވަނީ. އެކަން އެހެން ނުކުރެވޭނެއޭ. އަޅުގަނޑު އެދެނީ އެގިގެންވިޔަސް އަދި ނޭގި ތިބެވެސް ޖިނާޢީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިގެން ނުދޭ. ވަޒީރު

މިކަންކަމުގަ ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓަރަކްޝަން މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންވެސް ޝާމިލުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ރިސޯޓް ޗެއިނަކުން 9 މަސްތެރޭގައި 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާކަން ފާހަގަވެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން