ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިޔާސީ މީހުން އެބަތިބި ކަމަށާއި، މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ މި ދަނޑިވަޅުގައި، ކަމާގުޅޭ ވުޒާރާތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރު ފައިސާ މާރުކުރާ 63 ތަން ހިންގަމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ބެލި ބެލުމުން ހުއްދަ ނުނަގައި އެއްވެސް ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން މަނީ އެކްސްޗޭންޖް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް 7 ތަނަކާ ގުޅޭ މަޢުލޫމާތު އެއްކޮށްފައިވާއިރު، އެ 7 ތަނުން ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް ވަޒީރު އިޙްސާން ހާމަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމަކީ ޖިނާޢީ ކުށެއް ކަމަށެވެ.
"ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން. އެންގިގެންވެސް ނޭންގިވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިކަމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންނާއި ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންވެސް ޝާމިލުވާ ކަމަށެވެ. އެގޮތުން ރިސޯޓް ޗެއިނަކުން 9 މަސްތެރޭގައި 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންސްޓްރަކްޝަން ރިސޯޓު ހަދަން ޑޮލަރުން އާމްދަނީ ހޯދުމަށްފަހުވެސް ކަޅު ބާޒާރުގައި ވިއްކަމުންދާ ކަމަށާއި، އަދި ކަޅުބާޒާރުގެ އަގު ކަނޑައެޅުމުގައި ސިޔާސީ ބައެއް މީހުންވެސް ޝާމިލުވާ ކަމަށެވެ.