ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކުން ކަޅުބާޒާރު މެދުވެރިކޮށް ފައިސާ ދައުރު ކުރަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، އިޤްތިޞާދީ ތަފާސްހިސާބުތަކަށް ބަލާއިރު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު ކަމަށެވެ. އަދި އެހެން ކާރިސާތަކާ އަޅާބަލާއިރު މި ހަނގުރާމައިގެ އަސަރު ދެކޮޅުންވެސް ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވުމުގެ އިތުރުން ރާއްޖެއަކީ މުދަލާއި ތެލަށް ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ނަމަވެސް، ހަނގުރާމަ އަދިވެސް އެއްކޮށް ނިމުމަކަށްނައި ނަމަވެސް ފަހުގެ ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
މަނީ ޗޭންޖަރުންނަށް ޚާއްޞަކޮށްގެން މޮނިޓަރިންގ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށާއި ތަންފީޒީ އިދާރާތަކާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ގިނަ ފަރާތްތަކުން މަނީ ޗޭންޖަރުން މެދުވެރިކޮށް ކަޅުބާޒާރުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.