ދަރަނި ދެއްކުމަށް މިސަރުކާރުން 1.293 ބިލިއަން ޑޮލަރު ހޭދަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދަރަނި ދެއްކުމަށް މިސަރުކާރުން 1.293 ބިލިއަން ޑޮލަރު ހޭދަކޮށްފި

މި ސަރުކާރުގެ ދެ އަހަރު ބައިގެ ތެރޭގައި ދައުލަތުގެ ދަރަނި ދެއްކުމަށް 1.293 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމުގެ އިގްތިސާދީ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ވޭތުވެދިޔަ ދެ ސަރުކާރާއި މި ސަރުކާރުގެ ދެ އަހަރު ބައިގެ ތެރޭގައި ދަރަނި ދެއްކުމަށް ކޮށްފައިވާ ހޭދައިގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދެ އަހަރާއި ބައިގައި ދަރަނި ދައްކަން 191 މިލިއަން ޑޮލަރު ހަރަދުކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 428 މިލިއަން ޑޮލަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވްގެ 56 އިންސައްތަ މިހާރު ބޭނުންކުރެވެނީ ދަރަނި އަދާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"މި ދައުރުގެ ދެ އަހަރާއި ބައިގައި ދަރަނި ދައްކަން 1.293 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ، މިއީ ކުރީ ސަރުކާރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއް ދަރަނި ދައްކަން ޑޮލަރުން ހޭދަކުރަން މި ޖެހުނީ، މިކަމުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ދަތިތަކާއި ދައުލަތުގެ ހަރަދުތައް މެނޭޖުކުރުމަށް ދިމާވާ ދަތިތަކެއްވެސް އެބަހުރި،" ވަޒީރު ވިދާޅުވިއެވެ.

މިފަދަ އިގްތިސާދީ ދަތިތަކާ އެކުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި ދައްކަމުން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ މުހިންމު ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ފަހިކުރުމަށް ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ދަރަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމަށް އެވެރެޖުކޮށް ކުއާޓާއެއްގައި ކުރި ހަރަދު 2024 ވަނަ އަހަރުން ފެށިގެން ވަނީ 50 އިންސައްތަ މަތިވެފައެވެ. އަދި ދަރަނި އަދާކުރުމުގެ އެވެރެޖު ހަރަދު އިތުރުވުމުގެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކުރަންޖެހުނު ބޮޑު ހަރަދެވެ.

މިއަދު އޮންލައިން