އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ވަޒީފާއަށް ނެގޭ ގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް މުވައްޒަފުން ނުލިބޭ ހާލަތްތަކުގައި އަމަލުކުރާނެ ޚާއްސަ އުޞޫލެއް އެކުލަވާލައި އާންމުކޮށްފައެވެ. މި އުޞޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލެވޭނީ ކައުންސިލް އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ބަޖެޓު ހަމަޖެހިފައިވާ މަޤާމުތަކަށެވެ. އަދި މިފަދަ މަޤާމުތަކަށް އިއުލާނުކުރަންވާނީ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށެވެ.
މި އުޞޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ މުވައްޒަފުންނަށް އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. ނަމަވެސް، އެ މުވައްޒަފަކީ ވަޒީފާ އޮތް އިދާރާ ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭނެ ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި ޢަމަލުކުރާނީ "ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑު"އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ކުރިއެރުން ދިނުން ފަދަ ވަޒީފާއާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލުކުރާނީ ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިންނެވެ.