ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އދ. ދެމެދު އައު ކޯޕަރޭޝަން ފްރޭމްވޯކެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އދ. ދެމެދު އައު ކޯޕަރޭޝަން ފްރޭމްވޯކެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި، ޝާމިލު އަދި ވިލުންވެރި ތަރައްޤީއެއް ހޯދައިދިނުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ސަރުކާރާއި އދ. ގުޅިގެން ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވޯކް (ޔޫއެންއެސްޑީސީއެފް) 2027–2031 ގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްއެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ ޔުނައިޓެޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ހާއޯ ޒޭންގް އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި އދ. ގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯޕަރޭޝަން ފްރޭމްވޯކަކީ ޤައުމީ ފެންވަރުގައި އދ. އިން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނިންގ އަދި ތަންފީޒުކުރުމުގެ އެންމެ މަތީ ފެންވަރުގެ އޮނިގަނޑެވެ. މި ފްރޭމްވޯކް އެކުލަވާލާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި، އދ. ގެ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެކަޑެމިކް ދާއިރާ އަދި އަމިއްލަ ވިޔަފާރިތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި ފްރޭމްވޯކްގެ ދަށުން އދ. އިން ދޭ އެހީތެރިކަން ބިނާވެފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް ކަމަށެވެ. އަދި މި ފްރޭމްވޯކްގެ ކާމިޔާބީ ވަޒަންކުރެވޭނީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޔުނައިޓެޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ހާއޯ ޒޭންގް ވިދާޅުވީ މި ސޮއިކުރުމަކީ މި މަސައްކަތްތައް ތަންފީޒުކުރުމުގެ އައު ފިޔަވަޅެއްގެ ފެށުން ކަމަށެވެ. މި ފްރޭމްވޯކް ތަންފީޒުކުރުމުގައި އދ. ގެ 16 އެޖެންސީއަކުން ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކަމަށާއި، މި މަސައްކަތްތައް ބެލެހެއްޓުމަށް ޚާއްޞަ ގަވަރނަންސް މެކޭނިޒަމެއް ޤާއިމުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން