ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މި ޢިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ) ގައި އޮންނަ ބިމުގައެވެ.

ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 13 ފަންގިފިލާއަށް ބިނާކުރާ މި ޢިމާރާތަކީ ޕާކިންގ ސަރަޙައްދެއް ވެސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެއިތުރުން، މި ޢިމާރާތުގެ ގްރައުންޑް ފްލޯގައި ރިސެޕްޝަން އޭރިއާއަކާއި، އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ ގޮތުން ދެމެހެއްޓެނިވި މަންފާތަކެއް ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ޖުމްލަ 244 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 24 މަސް ދުވަހުގެ ތެރޭގައެވެ.