އަހުރެން މިހެން ބުނީމާ ތިއަކަމަށް އޮތް ދަލީލެއް ދައްކަން ބުނެފާނެއެވެ. އަހުރެންގެ ދަލީލަކީ ކީރިތި ޤުރްޢާން ޛިކުރުކޮށްގެން ދުވަސްފެށުމެވެ. އެހެންވެ އަހުރެން ކޮންމެ ދުވަހަކުވެސް ދުވަސް ފަށަން ޤުރްއާން ކިޔަވަން ފަށަނީ އަލްޙަމްދު ކިޔަވައިގެންނެވެ. ކިޔަވަނީ މާނައަށް ވިސްނައިގެން ވަރަށް ލަސްލަހުންނެވެ. އެކަން އެގޮތަށްކުރާ ސަބަބަކީ އަލްޙަމްދު ކިޔަވަމުންދާއިރު ﷲ ތަޢާލާ ބަސްފުޅު ވަޙީކުރައްވަވާކަމެވެ. އެކަމަށް ޤަދަރުކުރުމުގެ ގޮތުންނެވެ.
އަހުރެންވެސް އެއްބަސްވަމެވެ. އެއްވެސް ކަމެއް މެދުވެރިވަނީ ކޮންގޮތަކުން ނުވަތަ ކޮންކަމަކާއިހުރެ ކަމެއް އެކަކަށްވެސް ނުއެނގޭނެއެވެ. އެހެންވެ އަހުރެންނަކަށްވެސް ނުއެނގެއެވެ. ނަމަވެސް އަހުރެންނަށް އެނގޭ ކަމެއް އެބައޮތެވެ. އެކަމަކީ އަހުރެންނަށް ހިތްހަމަޖެހުން ލިބޭކަމެވެ. އެއްވެސް ކަމަކާއި ކަންބޮޑުވެގެން އުޅެން ނުޖެހޭ ކަމެވެ.
އަހުރެން ވަރަށް ފަރުވާތެރިކަމާއިއެކު ކުރާ އެއްކަމެއް އަދި ބުނެލާނަމެވެ. އެއީ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މުލްކް ސޫރަތް ކިޔެވުމެވެ. އެކަން އަހުރެން ކުރަނީ ކައްވަޅުގެ ޢަޛާބުން ރައްކައުތެރިކަން ލިބިގަތުމަށެވެ. އަހުރެން އުންމީދުކުރަނީ ދުނިޔޭގައިވެސް އަހުރެންނަށް ރައްކައުތެރިކަން ދެއްވަވާނެ ކަމަށެވެ.
މިއީ ޢުމުރުން ދުވަސްވީ ހެޔޮލަފާ މީހަކު ބުނެފައިވާ ވާހަކައެކެވެ. ފައިދާހުރި ވާހަކަކޮޅަކަށްވާތީ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- މިއަދުނޫސް