ފާފަވެރިވާނެ ކަންކަން ކުރަން މަގުފަހިކޮށްދޭން ޝައިޠޯނާ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަށް ގެންދާ އެއްކަމަކީ ރިބާގެ އަވާގައި މީސްތަކުން ޖެއްސުވުމާއި ލޯނު ލިބޭނެ ގޮތްތައް ފަސޭހަކުރުމެވެ. އެމަސައްކަތުގައި ޝައިޠޯނާ މިހާރުވެސްވަނީ ވަރަށް ބޮޑުތަނުން ކުރިހޯދާފައެވެ.
ލޯނުނެގުން ލުއިވަމުންގޮސް ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނުން ވަޤުތުން ވަޤުތަށް ލިބޭ ފޯނުލޯނަކަށް ވެއްޖެއެވެ. މިބޮޑު ފާފައިގައި ޖެހޭ މީހުން ދަނީ ދުވަހެއް ދުވަކަށް ގިނަވަމުންނެވެ. އެހެންކަމުން ހަނދުމަކޮށްދިނުމުގެ ގޮތުން ރިބާއަކީ ކިހައިބޮޑުފާފައެއްކަން ހުށަހަޅައިލަމެވެ.
ﷲ ތާޢާލާގެ ވަޙީބަސްފުޅުގައި އޮތީ ރިބާ އާއި ދުރުހެލިވުމަށެވެ. އަދި ރިބާއާ ދުރުހެލިވާން ބޭނުން ނޫންނަމަ ﷲ އާއި އެކަލާނގެ ރަސޫލާ (ﷺ) އާއި ހަނގުރާމަކުރަން ތައްޔާރުވާށެވެ! ރިބާ އަކީ އެހައިވެސް ނުރައްކައުތެރިކަންބޮޑު ކަމެކެވެ.
ރިބާގެ މުޢާމަލާތްކުރުމުން ވަގުތުން ވަގުތައް ﷲ ތަޢާލާގެ ކޯފާއެއް ކުރިމަތިނުވާތީ ބިރުވެތި ނުވެވުނުނަމަވެސް އެއީ ވަރަށް ބިރުހުރި ކަމެކެވެ. އެހެން އެއްވެސް ފާފައަކަށް އެފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅެއް އައިސްފައެއް ނުވެއެވެ.
މީހަކަށް ކަމެއް ދިމާވެގެން މަޖުބޫރުވެ ދެން އެހެންގޮތެއް ނެތިއްޖެ ޙާލަތުގައި އެމަޖުބޫރުކަން ފިލާވަރަށް ލޯނެއް ނަގަން ޢިލްމުވެރިން ހުއްދަކުރައްވައިފާނެއެވެ. އެޙާލަތުގައިވެސް ލޯނު ނަގަން ޖެހޭނީ ކިރިޔާ ފުދޭވަރަށެވެ. އެއިން މަންފާ ހޯދައިގެންނުވާނެއެވެ. ޙަޤީޤަތަކީ އިންޓަރެސްޓް ހިމެނޭ ލޯނެއް ނަގައިގެން ނުވާނެ ކަމެވެ.
ވިސްނާށެވެ! މަތިމައްޗަށް ލޯނު ނެގިޔަސް ކުރަން ބޭނުންވާ ހުރިހާ ކަމެއްނުކުރެވޭނެއެވެ. ވީމާ ލޯނާއި ދުރުހެލިވާށެވެ! އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
ގުޅުންހުރި ވީޑިއޯ: