ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދިޔަ މި ފޯރަމްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން، އެ ޤައުމުތަކުގެ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީދޭ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން ދިރާސާވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލުބަދަލުކުރުމާއި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ފޯރަމް މެދުވެރިކޮށް ސިޑްސްގެ ޤައުމުތަކަށް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ. ހަމައެއާއެކު، އެ ޤައުމުތަކުގައި އިންވެސްޓްމަންޓްތައް ދެމެހެއްޓުމަށް މިހާރު ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކި ޤައުމުތަކުގެ ތަޖުރިބާގެ އަލީގައި އެކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށްވެސް ވަނީ މަސައްކަތްކޮށްފައެވެ.
30 އަށްވުރެ ގިނަ ޤައުމުން ބައިވެރިވި މި ފޯރަމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި، އިންވެސްޓަރުންނާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޢިލްމީ އަދި ދިރާސާކުރާ ފަރާތްތަކުގެ ފުރިހަމަ ޙިއްސާއާއެކު ބޭއްވި ފޯރަމެކެވެ.