އިސްލާމީ ނަޒަރުން ބަލާއިރު މީހަކަށް ދޭ ވޯޓަކީ އެމީހެއްގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދޭ ހެކިބަހެއް ކަމަށާއި، ވޯޓު ދިނުމުގައި އަމާނާތްތެރިވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޝާއިއުކުރެއްވި މެސެޖެއްގައި ޝަކީލު ވިދާޅުވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ބަޔަކަށްވާއިރު، އިސްލާމްދީނުގެ އަދުލުވެރިކަމުގެ ނަޒަރުން ބަލާއިރު ވޯޓަކީ އަމާނާތެއް ކަމަށެވެ. އެހެންކަމުން އެ އަމާނާތް އަދާކުރުމުގައި މާތްﷲއަށް ބިރުވެތިވެ އިހުލާސްތެރިކަން އިސްކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވޯޓާމެދު ވިސްނަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝަކީލު ވިދާޅުވީ، ގައުމުގެ ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ކައުންސިލުތަކަށް މަންދޫބުން އިންތިހާބުކުރުމަށް ދޭ ކޮންމެ ވޯޓަކުން ވެސް ގައުމުގެ ތަރައްގީއާއި، ގާނޫނީ ހަމަހަމަކަމާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްތިގުރާރާއި ހަމަޖެހުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާ ކަމަށެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް" މިއެވެ.
ވޯޓުލުމާއި، ޑިމޮކްރަސީއާއި، އިންތިހާބީ ނިޒާމުގެ އިތުރުން ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި ވޯޓުލާ މީހުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުގައެވެ. އަދި ކޮންމެ އަހަރަކުވެސް މި ދުވަހުގެ މުނާސަބަތުގައި ވޯޓުލުމުގެ ހައްގާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ތަފާތު އެކި ޕްރޮގުރާމުތައް ކުރިއަށްގެންދެއެވެ.