ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައި ހުންނަ ބިންތައް ނަގާނަމަ، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ބަދަލުދޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މި ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ. މި ބިލަށް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ތަޢީދުކުރައްވާފައެވެ.
ރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވީ ސަރުކާރުން މިފަދަ ބިންތައް ނަގާއިރު އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭގޮތަށް ބިލް އިސްލާޙުކުރުމަށެވެ. އަދި މި ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި ވުޒާރާއަކުން ކަމަށްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާޙުގެ އިތުރުންވެސް ގެނެވުނު ބައެއް އިސްލާޙުތަކާއެކު، ލާމަރުކަޒީ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.