ޝަރުޢީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޝަރުޢީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޝަރުޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ޙިއްޞާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި، ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޢަލީ ޝަފީޤް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ޢަލީ ޝަފީޤަކީ ޝަރުޢީ ދާއިރާގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ދ. މީދޫ އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސައްކަތް ދިގު މުއްދަތެއްގައި ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، އަދި މުޖުތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.

މިއަދު އޮންލައިން