ރާއްޖޭގެ އެތެރޭގެ ބޭންކިން ސިނާއަތް ހަރުދަނާކޮށް ދިވެހި ބޭންކުތައް ވަރުގަދަ ކުރުމަށާއި ލިބޭ ޑޮލަރުތައް ގައުމުން ބޭރުވިޔަނުދިނުމަށްޓަކައި ބޭންކުތަކާ ބެހޭ ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިޤްތިސާދަކީ މައިގަނޑު ގޮތެއްގައި ބޭރު ފައިސާއަށް، ހާއްސަކޮށް އެމެރިކާ ޑޮލަރަށް އިންތިހާއަށް ބަރޯސާވެފައިވާ އިޤްތިސާދެކެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުން އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބެމުންދިޔަ ނަމަވެސް، މި ފައިސާ ރާއްޖޭގެ ރަސްމީ ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓިފައި ނުވުމަކީ ޤައުމުގެ މާލީ ހަމަޖެހުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލަ ހައްލުކޮށް، ދިވެހިރާއްޖޭގެ ބޭންކިން ސިނާއަތް ވަރުގަދަކުރުމަށްޓަކައި ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން މުހިންމު އިސްލާހީ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު ގާތްގަނޑަކަށް 5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް އުފައްދައެވެ. ނަމަވެސް، މީގެ ތެރެއިން ގާތްގަނޑަކަށް 1.6 އާއި 1.8 ބިލިޔަން ޑޮލަރާ ދެމެދުގެ ބޮޑު އަދަދެއް ރާއްޖޭގެ ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ނުވަންނަކަމީ ހިތާމަހުރި ހަގީގަތެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުން ލިބޭ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭގެ އިޤްތިސާދުން ބޭރުވަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް ބޭންކުތަކަށް ލިބުނު 356 މިލިޔަން ޑޮލަރުގެ ފައިދާގެ ތެރެއިން 11 އިންސައްތަ (38 މިލިޔަން ޑޮލަރު) ވަނީ ރާއްޖެއިން ބޭރުވެފައެވެ. ފާއިތުވި 5 އަހަރުގެ ހިސާބުތަކަށް ބަލާއިރު ބޭންކުތަކުގެ ފައިދާއިން އެކަނިވެސް 200 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބޭންކުތަކުގެ ބްރާންޗުތަކުން ލިބޭ އާމްދަނީ އަނބުރާ ޤައުމުން ބޭރަށް ގެންދިއުމެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ގެންދަވަނީ ބޭންކިން ޤާނޫނުތަކާއި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ބޮޑެތި އިސްލާހުތަކެއް ގެންނެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގެ އެތެރޭގެ ބޭންކުތަކުގެ ޤާބިލުކަން އިތުރުކޮށް، ރިސޯޓުތައް ތަރައްޤީކުރުމަށް ބޭނުންވާ ބޮޑެތި ލޯނުތައް ދެވޭނެ ވަރުގެ މާލީ ތަނަވަސްކަން ބޭންކުތަކުގައި ޤާއިމުކުރުމަކީ މި އިސްލާހުތަކުގެ މުހިންމު އަމާޒެކެވެ. "އެ ޤާނޫނުތަކަކީ ސްޓްރަކްޗަރަލީ، ފަހަރަކު އެއްޗެއް އަޅުގަނޑުމެން ގެނެސް ވަށާޖެހޭ ގޮތަށް ކުރެވިގެންދާނެ މަސައްކަތެއް. ސަރުކާރުން ޑެސްޓިނޭޝަން ޕްރިންސިޕަލް ގޮތުގައި ގެނައި އިސްލާހަކީވެސް ވަރަށް މުހިންމު އިސްލާހެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް 5 ބިލިޔަނެއް ނޫން ލިބެންޖެހެނީ. އޭގެ ތެރެއިން ވަރަށް ބޮޑުބައެއް މިހިރީ ޕާކް ކުރެވިފައި ބޭރުގައި" މުނައްވަރު ވިދާޅުވިއެވެ. އަދި ދާދިފަހުން ޕޭމެންޓް ސިސްޓަމް ޤާނޫނަށް ގެނެވުނު ބަދަލުތަކާއި، ރައްޔިތުންގެ މަޖިލީހުގައި އޮތް 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ޤާނޫނަކީ ބޭރުގައި "ޕާކް" ކުރެވިފައިވާ ޑޮލަރުތައް ރާއްޖޭގެ ނިޒާމުގެ ތެރެއަށް ގެނައުމަށް އެޅޭ ބިންގަލެކެވެ.
ކޮވިޑް-19 ގެ އާލަމީ ވަބާއަށްފަހު ފަތުރުވެރިކަމުގެ ސިނާޢަތުން ބޭންކުތަކަށް މާރުކުރަމުން އައީ އެންމެ 10 އިންސައްތައެވެ. ނަމަވެސް އެމްއެމްއޭއިން ގެނައި ހަރުދަނާ ބަދަލުތަކާއެކު މިހާރު މި އަދަދު ވަނީ 21 އިންސައްތައަށް އިތުރުކުރެވިފައެވެ. އެހެންނަމަވެސް، ރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް މަޑުޖެހުނަ ނުދިނުމަށާއި، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށް ޓީޓީ ހެދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
މުނައްވަރު ވިދާޅުވީ އެމްއެމްއޭގައި ހުރި ރިޒާވްއިން މިހާރު ޓީޓީ ހެދުން ފަދަ ކަންކަމަށް ދޫކުރެވޭ ބޭރު ފައިސާ މަދުވުމެވެ. މިހާރު ޓީޓީ ހެދުމަށް މިދެވެނީ ޓީޓީ ހަދާ އަދަދުގެ 20 އިންސައްތައަށްވާ ބޭރު ފައިސާކަމަށާއި، ބާކީ ފައިސާ ވިޔަފާރިވެރިން ހޯދަނީ ބޭރުން ކަމަށް ގަވަނަރު ވިދާޅުވިއެވެ. "މިވަގުތަށް 40 ޕަސެންޓަށް އިތުރުކުރަންޖެހެނީ. މިސާލަކަށް އޭގެއިންވެސް ނުވަންޏާ 100 ޕަސެންޓަށްވެސް ދާންވީ. އިގުތިސާދީ ހަރަކާތްތައް އިތުރުކުރަން 100 ޕަސެންޓަށް ދާން ސަރުކާރުން އެއްބަސްވަންޏާ އަޅުގަނޑު މިހުރީ މިހާރުވެސް 100 ޕަސެންޓަށް ދާން،" މުނައްވަރު ވިދާޅުވިއެވެ.
މި ބަދަލަކީ ފަތުރުވެރިކަމުގެ ދާއިރާގެ މަޓީ ފަދަ ޖަމިއްޔާތަކާ މަޝްވަރާކުރެވި، ދިރާސާތަކަށްފަހު އެޅުނު ފިޔަވަޅެކެވެ. އިޤްތިސާދު ހަމަމަގަށް އެޅުވުމަށްޓަކައި ބޭނުންވެއްޖެ ހިނދެއްގައި މި މިންވަރު 100 އިންސައްތައަށް އިތުރުކުރުމަށްވެސް ތައްޔާރަށް ހުންނެވިކަން ގަވަރުނަރު ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ އިޤްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ރާއްޖޭގައި އުފެދޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުކުރެވިގެންނެވެ. ސަރުކާރާއި އެމްއެމްއޭއިން ބޭންކިން ސިނާޢަތް ވަރުގަދަކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ޤައުމުގެ ރިޒާވް ވަރުގަދަކޮށް، ކަޅު ބާޒާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އެޅޭ ވަރަށް މުހިންމު އަދި ވަގުތުން ވަގުތަށް ބޭނުންވެފައިވާ ހަރުދަނާ ފިޔަވަޅުތަކެކެވެ.