ދެވޭ ތައުލީމާއި ވަށައިގެން ފެންނަ ކަންތައްތަކުގެ ސަބަބުން ކުދިންގެ ވިސްނުމަށް ވަރަށް ހަގު ޢުމުރުގައިވެސް ބަދަލުތައް އައުދެއެވެ. ސަބަބަކަށްވަނީ އެކުގައި އުޅޭ ކުދިންގެ ތެރޭގައި ތަފާތު ކުދިން ގިނަވުމެވެ. އެއްކްލާހެއްގައި އުޅުނަސް ވިސްނުން ތަފާތު ކުދިން ގިނަވުމެވެ. އެހެންވީމާ ޢުމުރާއި ގުޅޭގޮތުން އަބަދުވެސް ގެންދަންވާނީ ކަންކަން ދަސްކޮށްދެމުންނެވެ.
އެގޮތުން 12 އަހަރުވާއިރު އަންހެންކުދިންނަށް ދަސްކޮށްދޭން އެއްކަމަކީ ކާމިޔާބުކުއްޖަކަށްވެވޭނީ ސިފާރީތިކޮށްގެން ނޫންކަމާއި ވިސްނުން ތޫނުކުއްޖަކަށް ވެވިގެން ކަމެވެ. މިވާހަކައަކީ އެއިގެ ކުރިންވެސް ޢުމުރާއި ގުޅޭގޮތަށް ދައްކަންޖެހޭ ވާހަކައެކެވެ.
ރީތިވުމަށް ކުދިންދޭ ސަމާލުކަމަށް ވިސްނާށެވެ. މައިންބަފައިންގެ ކިބައިގައި ފުދުންތެރިކަން ކުޑަވެ އެކުދިން ބޭނނުންވާ ވަރަށް ބިޔުޓީ ސެލޫނަށް ނުފޮނުވޭތީ ސްކޫލްގެ އިންޓޯލަށްދޭ ފައިސާކޮޅު އެއްކޮށްގެން އެބަ ސެލޫންތަކަށް ދެއެވެ. ތަންކޮޅެއް ބޮޑުވެލީމާ އެކުވެރި ފިރިހެންކުދިންގެ އަތުން ފައިސާ ހޯދައިގެން އެބަދެއެވެ. މިބުނަނީ ލޯބީގެ ކުޅިގަނޑު ފެށުމުގެ ކުރިން އެކުވެރިންގެ ގޮތުގައި ތިބޭއިރުގެ ވާހަކައެވެ. މިކަން މިހައި ބޮޑުވަނީ އެކުގައިއުޅޭ ކުދިންނާއި ވާދަކުރަން ބޭނުންވާތީއެވެ.
ދަރިފުޅަށް ވިސްނައިދޭންވީ ރީތިނަމަ ކިތަންމެ ގިނަ ދޮރުތަކަކުންވެސް ވަދެވިދާނެ ކަމެވެ. ނަމަވެސް ވަންނަ ތަނެއްގައި ހަރުލައި ހުރެވޭނީ ބުއްދީގެ ބޭނުންކުރަން އެނގިގެންކަމެވެ. ބުއްދީގެ ބޭނުން ހިފޭނީ ވިސްނުންތޫނުކުރެވިގެންކަމެވެ. ވިސްނުން ތޫނުކުރެވޭނީ ފައިދާހުރި ފޮތްތަކުން ކަމެވެ. އެއްވެސް ތަޖުރިބާއެއް ނުހުންނަ މީހުން ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކުން ނޫންކަމެވެ.
ތަޖުރިބާ ކާރު ޢިލްމްވެރިއެއްގެ މިވާަހަކަކޮޅު ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ބައެއް ކުދިން ސްކޫލްޔުނިފޯމްގައި ތިބެގެންވެސް ސެލޫންތަކަށް ވަންނަމަންޒަރު ފެންނާތީއެވެ.
- މިއަދުނޫސް