ކުރަން ބޭނުންވި ކައިވެނި ނުކުރެވުނީތީ ކަންބޮޑުނުވެ ނިކަން މިއަންހެންމީހާގެ ވާހަކައިން ޢިބްރަތް ޙާޞިލުކޮށް އޭނާފަދައިން ޢަމަލުކޮށްބަލަ! ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ކުރަން ބޭނުންވި ކައިވެނި ނުކުރެވުނީތީ ކަންބޮޑުނުވެ ނިކަން މިއަންހެންމީހާގެ ވާހަކައިން ޢިބްރަތް ޙާޞިލުކޮށް އޭނާފަދައިން ޢަމަލުކޮށްބަލަ! ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ

ދުލުން ގިނަގިނައިން އެވާހަކަ ނުދެއްކިނަމަވެސް ގިނަ ބައެއްގެ ހިތުގައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ތިމާ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވުމާއި ކައިވެނިކުރެވުން ލަސްވުންކަން ފާހަގަކުރެވެއެވެ. 

ކައިވެނިކުރަން ބޭނުންވެގެން ކުރާ މަސައްކަތް ކާމިޔާބުނުވުމަކީ ގިނަ ބައަކު އެންމެ ބޮޑަށް މާޔޫސްވާ ސަބަބެވެ. ނުވަތަ ކަންތަކެވެ. އެޙާލަތުގައި މާޔޫސްނުވެ ހުރެވޭނެ މީހަކު ވަރަށް މަދުވާނެއެވެ. އެއީ ކުށެއްވެސް ނޫނެވެ.  

އެހެންކަމުން އެޙާލަތުގައި ކަންތައްކުރާނެ ގޮތަކާއިބެހޭގޮތުން ސުވާލުކުރާ މީހުންނަށް ބުނެލަން އޮތީ މާޔޫސްނުވާށެވެ! ތިރީގައިވާ ލިޔުން ކިޔައިލާށެވެ. އަދި އަމަލުކޮށްލައިބަލާށެވެ! އިން ޝާ ﷲ ކާމިޔާބުކުރެވޭނެއެވެ! ތިބާ އުންމީދުކުރާވަރަށްވުރެ މާރަނގަޅު ފިރިއަކު ދެއްވަވާނެއެވެ!   

އެންމެ ފުރަތަމަ އޭނާއަށް ކުރަން ޖެހުނީ މައިން ބަފައިން މަޖުބޫރުކުރުވައިގެން ކުރުވި ކައިވެންޏެކެވެ. އެކައިވެނީގައި ރަހަވެސް ބަލައިލުމެއް ނެތި ކައިވެނި ނިމިގެންދިއައީއެވެ. އެއަށްފަހު އޭނާ ލޯބިވެގެން މީހަކާއި ކައިވެނިކުރަން ބޭނުންވެގެން ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ނަމަވެސް ކައިވެނީގެ ކުރިން ބޭވަފާތެރިކަން ފަޅާއަރައި އެކައިވެނިވެސް ނުކުރެވުނީއެވެ.  

އެއަށްފަހުވެސް ކައިވެންޏެއް ކުރެވޭތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ކައިވެންޏެއް ކުރެވޭނެ އެއްވެސް މަގެއް ފަހިވިކަމަކަށް ނުވިއެވެ. އުމުރުން 30 އަހަރުވީއެވެ. ކައިވެންޏެއް ނުކުރެވި މާބޮޑަށް ލަސްވެގެން ދިއައީ ކަމަށް ޤަބޫލުކުރެވެންވެސް ފެށިއެވެ.  

އެހިސާބުން އޭނާ ބޭނުންވީ ﷲ ތަޢާލާ އޭނާއަށް މިންވަރުކުރައްވަވާ ފިރިއަކާއި ކައިވެނިކުރުމަށެވެ. އެކަމުގެ އިންތިޒާރުގައި ހުރެ ކުރަމުން ދިއަކަމަކީ އަޅުކަންކުރުން ގިނަކުރުމެވެ. ތަހައްޖުދުނަމާދުކޮށް ވީހައި ގިނައިރު ސަޖިދައިގައި އޮވެ ދުޢާ ކުރުމެވެ. އަދި ގިނަގިނައިން ދުޢާކުރުމާއި ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއިއެކު ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ.  

އެ މަސައްކަތުގައި އުޅެނިކޮށް ވަޒީފާވެސް ގެއްލުނެވެ. ދެން ހަދާނެ ގޮތެއް ނުއެނގި އިންތިހާއަށް ކަންބޮޑުވިއެވެ. ނަމަވެސް ދިރިއުޅުމަކީ މިފަދަ ކަމެއްކަން ޤަބޫލުކޮށް ކެތްތެރިވީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރުމާއި ކުރެވުނުހައި އަޅުކަމެއް ކުރުމުގައި ދެމިހުރީއެވެ.  

ނަތީޖާއަކީ ވަޒީފާ ގެއްލުނުތާ 3 މަސް ފަހުން ހާލަތު ބަދަލުވާން ފެށުމެވެ. ކުއްލިއަކަށް ރަނގަޅު ވަޒީފާއެއް ވެސް ލިބުނީއެވެ. އެއް ދުވަހަކު އޮޅިގެން ފޯނުކުރެވުނު މީހަކާއި ގުޅުން ބަދަހިވެ އޭނާ އެންމެ ކުޑައިރުންސުރެ އުންމީދުކުރަމުން އައި ފަދަ ފިރިއަކުވެސް ލިބުނީއެވެ. އުފާވެރި ޒަވާޖީ ހަޔާތެއް ފެށުނީއެވެ.

މިއީ ޖަރުމަނުގެ ރައްޔިތުކަން ލިބި ޖަރުމަނުގައި ދިރިއުޅޭ ޕާކިސްތާނުގެ ޢާއިލާއެއްގެ އަންހެނަކު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީ ދީނީ ވެބްސައިޓަކަށް ފޮނުވި ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.  

އޭނާ ބުނެފައިވާ ގޮތުން އޭނާގެ ފުރތަމަ ކައިވެނި ގަދަކަމުން ކުރުވީ އުމުރުން 18 އަހަރުގައެވެ. މައްސަލަތައް ޙައްލުވެ އޭނާ އެދެމުން އައި ފަދަ ފިރިއަކު ލިބުނީ 30ގެ ކުރީކޮޅުގައެވެ. 12   ވަރަކަށް އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ.

އޭނާގެ މެސެޖަކީ ދިރިއުޅުމަކީ ކޮންމެ މީހަކަށްވެސް ތަފާތު ކަމެކެވެ. ކުރިމަތިވާނީވެސް ތަފާތު ކަންކަމެވެ. ނަމަވެސް މާޔޫސްވެ މަގު އޮޅުވާނުލައި ﷲގެ މަގުގައި ސާބިތުވެއްޖެ ނަމަ އެމީހަކަށް ރަނގަޅުގޮތްތައް މެދުވެރިކުރައްވަވާނެއެވެ! ސުޖޫދު ދިގުކުރުމުގައި ސާބިތުވެއްޖެނަމަ ލަހުން ނަމަވެސް އުފާވެރިކަން ލިބޭނެ ކަމެވެ!  

ނިންމާލަމުން އޭނާ ބުނެފައިވަނީ 3 ވާހަކައެކެވެ!

ﷲ ތަޢާލާ އަހަރެންނަށް އުފާވެރިކަން ލިޔުއްވަވާފައިވާނަމަ އެކަކަށްވެސް އެ ނިޢްމަތް ވަގަކަށް ނުނެގޭނެއެވެ. އެކަން މެދުވެރިވާނެއެވެ!  

ﷲ ތައާލާ އަހަރެންނަށް ހިތްދަތިކަން ލިޔުއްވަވާފައިވާނަމަ އެކަމަށް ފަރުވާއެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. 

އަހަރެންނާއި ﷲ ތަޢާލާ އާއި ދެމެދަށް ހުރަސް އެޅޭނީ ކާކަށް ހެއްޔެވެ؟

 

- މިއަދުނޫސް

މިއަދު އޮންލައިން