ގިނަ ބައަކަށް ނަރަކައަށް ވަންނަންޖެހޭނެ 2 ސަބަބުގެ ތެރޭގައި ޖިންސީ ގުނަވަން ހިމެނެއެވެ. މާނައަކީ ފާޙިޝް ޢަމަލުތައް ކުރުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކޮށްފިނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގެންފައެވެ. މާނައަކީ އެމީހަކަށް ޤިޔާމަތްދުވަހު ޝަފާޢަތްތެރިވެވެވަޑައިގަންނަވާނެ ކަމެވެ.
"يا الله! ފާޙިޝް ކަންތައްތަކާއި ފަސާދަ، އަޅަމެންގެ ތެރެއިން ނެތިކުރައްވައި، އަޅަމެނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ! ޒިނޭކުރުމާއި އެއްޖިންސުން ގުޅުންހިންގުމުގެ ނުބައި ޢަމަލުތަކުން ދުރުވުމުގެ ވިސްނުން އަޅަމެނަށް މިންވަރު ކުރައްވާނދޭވެ! ޖިންސީ ބަލިތަކުގެ ޝިކާރައެއްކަމުގައި އަޅަމެން ނުލައްވާނދޭވެ!" އާމީން
މިދުޢާގައި ހިމެނޭ ކަންކަމަކީ އެކަންކަމުން ރައްކައުތެރިވުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންޖެހިފައިވާ ކަންކަމެވެ. ފާޙީޝް ޢަމަލުކުރުނަ އިންތިހާއަށް އިތުރުވަނީއެވެ. ފަސާދަ ޢާންމުވެ ނިމިއްޖެއެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެބޮޑު ފާފައިގެ ސަބަބުން އާޚިރަތް ގެއްލުމުގެ އިތުރުން ދުނިޔޭގައި ހުއްޓައި ބޮޑެތި ބަލިތައް ޖެހެމުން އަންނައިރުވެސް ބިރުވެތި ނުވެވޭ މީހުން އަންނަނީ ގިންވަމުންނެވެ.
އެކަމަށް ސަމާލުކަން ކުޑަވެފައިވާ މިންވަރަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަކީ ބަޠޮލުން ކަމަށް ބަލައިގަނެވޭ ހިސާބަށް މިވަނީ ކަންކަން މިވަނީ ގޮސްފައެވެ. މިހުރީ ބިރުވެތިވާންޖެހޭނެ ކަންކަމެވެ.
މިދުޢާއަކީ ޝައިޚް ޙަސަން ލަޠީފް ޢާންމުކުރެއްވި ދުޢާއެކެވެ. މިދުޢާޢަކީ ކުރުން ހުއްޓާލައިގެން ވާއޮތް ދުޢާއެއް ނޫނެވެ! ދުޢާގައި ހިމެނޭ ކަންކަމަކީ އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ކަންކަމަށްވެފައި ބާރަށް ފެތުރެމުން އަންނަ ބޮޑެތި ފާފަތަކަށްވާތީއެވެ.
- މިއަދުނޫސް