އަޅުގަނޑުމެން ދިރިއުޅޭ ފްލެޓާއި ޖެހިގެން ހުންނަ ފްލެޓުގައި ޓީވީގެ އަޑު ވަރަށް ގަދައެވެ، ތީވީ ނުހުޅުވާނަމަ މިޔުޒިކްގެ އަޑު އެހާގަދައެވެ. އެކަމުން ވަރަށް އުނދަގޫވެއެވެ. ބައްޕައަކީ ބަލިވެ ނުތެދުވެވޭ މީހެކެވެ. ދަރިންގެ ފިލާވަޅު ދަސްކުރުމަށްވެސް އުނދަގޫވެއެވެ. ކުދިންގެ ނިންޖަށްވެސް ހުރަސްއެޅެއެވެ.
މިކަމާއި ގުޅިގެން ބަހެއް ބުނެފިނަމަ ރުޅިއައިސް އެއްޗެތި ގޮވައެވެ. އެމީހުންގެ މިނިވަންކަމަށް ހުރަސް ނުއެޅުމަށް ބުނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެއީވެސް މިނިވަންކަންތޯއެވެ؟ ދީނީ ގޮތުން މިކަން އޮންނަނީ ކޮންގޮތަކަށްތޯއެވެ؟
ކިޔުންތެރިޔާގެ ކަންބޮޑުވުމަށް ބުނެލަން އޮތީ ތިއަބާވަތުގެ ކަންކަންކުރާ މީހުން މިހާރު ކުރިއަށްވުރެ މަދެވެ. ނަމަވެސް އަދިވެސް ބައެއް މީހުން ތިއަބާވަތުގެ ކަންކަން ކުރެއެވެ. ދުޢާއަކީ އެމީހުންނަށްވެސް ހެޔޮވިސްނުން ދެއްވެވުމެވެ.
ދެން ބުނެލަން އޮތީ ގޭގެ ދޮރުތައް ތަޅުލައި އެހެން މީހުންގެ ކިބައިން ރައްކައުތެރިކަން ހޯދާފަދައިން ގޭގެ އަޑުތައްވެސް ދޮރުން ބޭރަށް ނުނުކުންނާނެހެން ތަޅުލައި އަވަށްޓެރިންނަށް ރައްކައުތެރިކަންދޭންވާނެއެވެ. އަވަށްޓެރިންގެ ޙައްޤުތައް އަދާކުރުމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ.
ވިސްނަންވީ ތިމާމެން އުފަލުގައި ތިބިނަމަވެސް ހިތްދަތިކަމުގައިވެސް ބައަކު ތިބޭނެކަމެވެ. އަވަށްޓެރިންގެ ތެރޭގައި ބަލިމީހުންވެސް ތިބޭނެ ކަމެވެ. އަޑުގަދަވުމުން އުނދަގޫވެސްވާނެކަމެވެ. ވަރަށް ގިނައިން ޚުޠުބާތަކުގައި ކިޔާ ޙަދީޘްފުޅެއްވެސް ހަނދުމަކޮސްލައިދޭނަމެވެ. "އެމީހާގެ އީމާންކަން ފުރިހަމަވާނީ އެމީހާގެ އަތާއި ދުލުގެ ނުބައިކަމުން އެެހން މީހުން ސަލާމަތްވެގެންވާނަމަ" ކަމަށް އޮންނަ ޙަދީޘްފުޅެވެ. އަތާއި ދުލުގެ ނުބައިކަމުގެ ތެރޭގައި އެމީހާގެ ފަރާތުން އެހެން މީހުންނަށް ފޯރާ އުނދަގޫތައްވެސް ހިމެނެއެވެ.
ގުޅުންހުރި ލިޔުމެއް!:
ޝޯތައް ބާއްވައި މީހުން ނިދަން އުނދަގޫކުރާއިރު، ކުޑަކުދިން ސިއްސުވާއިރު، މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާއިމެދު ބިރުވެތިނުވަނީހެއްޔެވެ؟
މީސްތަކުންގެ ނިންޖަށް ހުރަސްއެޅޭގޮތަށް އަޑުގަދަކޮށް ޙަފްލާތައް ބާއްވަމުން ގެންދާއިރު އެއްބައެއްގެ އުފަލަށް އެހެންބައަކު ނިދިން މަޙްރޫމްކުރުވުމަކީ ކޮން ގޮތަކުން ހުއްދަވާ ކަމެއް ހެއްޔެވެ؟ އުފާ ފާޅުކުރަން ނުވަތަ މުނާޞަބަތެއް ފާހަގަކުރަން މިފަދަ ކަންކަން ކުރަމުން ގެންދާއިރު الله ތަޢާލާގެ ޙަޟްރަތުން ކޯފާ އެއް އައިސްދާނެކަމަށް ބިރުވެތި ނުވަނީތޯ؟
"ފަހެ، ރަށްތަކުގެ އަހުލުވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބް އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟"
(އަލްއަޢްރާފް: 97)
"ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟" (އަލްއަޢްރާފް: 98)
ބަންގީގެ އަޑުގަދަވެގެން، މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރާ 10 ވަރަކަށް މިނިޓް އަޑުގަދަކަމުން ޝަކުވާތައް ކުރެއެވެ. ކަމާއިބެހޭ ފަރާތްތަކަށް މައްސަލަވެސް ހުށަހެޅެއެވެ. އަޅުކަނޑުގެ ސުވާލަކީ ބަލިމީހުންނަށް އުނދަގޫވާނީ ހަމައެކަނި 3 މިނިޓަށް ގޮވާ ބަންގީގެ އަޑުއިވުމުންތޯއެވެ؟ ނޫނީ 10 މިނިޓަށްވުރެ ކުޑަ ވަޤުތުކޮޅަށް އިވޭ ނަމާދުގެ އަޑުންތޯއެވެ؟
މިސުވާލުތައް މިކުރަނީ މިދިއަ ހަފްތާ ބަންދުގައިވެސް ޝޯނިންމަންދެން ނުނިދިފައި އޮންނަންޖެހުނީތީއެވެ. ކުޑަކުދިންވެސް ސިއްސައިގެންގޮސް ހޭލެވުނީތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް