އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 10: ޔަހޫދީއެއްގެ ދަރިއެއް؟ ރަސޫލާ ﷺ އެކަމަނާގެ ޝަރަފު ގުޅުލެއްވެވީ ތިން ނަބީބޭކަލުންނާ!

ކިޔުމަށް ހޭދަވާނީ 6މ
އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 10: ޔަހޫދީއެއްގެ ދަރިއެއް؟ ރަސޫލާ ﷺ އެކަމަނާގެ ޝަރަފު ގުޅުލެއްވެވީ ތިން ނަބީބޭކަލުންނާ!

ޢަލީ އިޙްޞާން ފިރާޤް  

ރަސޫލާ (صلّى اللّـه عليه وسلّم ) ޞަފިއްޔަތު ބިންތު ޙުޔައްޔު (ރަޟިޔަﷲ ޢަންހާ) އަށް މަސްޖިދުއްނަބަވީގެ ކައިރީގައި ކޮޓަރިކޮޅެއް ބިނާކޮށްދެއްވިއެވެ. އެ ކޮޓަރިކޮޅަށް އެކަމަނާ ބަދަލުވެވަޑައިގަތުމުން، އެކަލޭގެފާނު އެކަމަނާއަށް އިންތިހާ ދަރަޖައިގެ ލޯތްބާއި، ޤަދަރާއި، އިޙްތިރާމް ދެއްވިއެވެ. ރަސޫލާ ﷺ ގެ ކިބައިން ފެނުނު އޯގާތެރިކަމުގެ ބޮޑުކަމުން، އެކަމަނާ ވިދާޅުވެފައިވާކަމަށް އަބޫޔަޢުލާގެ މުސްނަދުގައިވެއެވެ. مَا رَأَيْتُ أَحَدًا أَحْسَنَ خُلُقًا مِنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ  [މާތް ﷲ ގެ ރަސޫލާ (صلّى اللّـه عليه وسلّم) އަށްވުރެ އަޚްލާޤު ރަނގަޅު އެހެން އެއްވެސް މީހަކު ތިމަންކަމަނާ ދެކެވަޑައެއްނުގަންނަވަމެވެ.] (މުޞްޢަދު، 2001، ޞ 172). 

އެކޮޓަރިކޮޅަށް ބަދަލުވެވަޑައިގަތުމަށްފަހު، ޞަފިއްޔަތުގެފާނު ރަސޫލާ صلّى اللّـه عليه وسلّم ގެ އަހުލުބައިތުންނާއި އަނބިއަނބިކަނބަލުންނާ ރަނގަޅު ގުޅުމެއް ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަމަނާގެ ހިތްޕުޅުގައި އެކަނބަލުންނާމެދު އޮތް ލޯތްބާއި އިޙްތިރާމް ހާމަކުރެއްވުމުގެ ގޮތުން، ޚައިބަރުން އެކަމަނާ ގެންނެވި ގަހަނާތަކުގެ ތެރެއިން ޚާއްޞަ ރަންގަހަނާތަކެއް ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުއް ޒަހުރާ (ރަޟިޔަﷲ ޢަންހާ) އަށް ވެދުމަށް އެރުއްވިއެވެ. ހަމައެއާއެކު، ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށްވެސް އެކަމަނާގެ ގަހަނާތަކުން ބައެއް ހަދިޔާ ކުރެއްވިއެވެ (އިބްނު ސަޢުދު، 1995، ޞ. 90).  

މިއިން ދޭހަކޮށްދެނީ އެކަމަނާއަކީ ޙަސަދަވެރިކަމެއް ނެތް، ހިތްޕުޅުސާފު، އިންތިހާއަށް ދީލަތި ބޭކަނބަލެއް ކަމެވެ. 

އުންމުލް މުއުމިނީން ޞަފިއްޔާ ބިންތި ޙުޔައްޔު (ރަޟިޔަﷲ ޢަންހާ) އަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން، މުޅިން ތަފާތު ޚާއްޞަ މަޤާމަކާއި ޝަރަފެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން ހުރިހާ އަނބިއަނބިކަނބަލުންނަކީ ޢަރަބި ޤަބީލާތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލުންނެވެ. ނަމަވެސް، ޞަފިއްޔަތުގެފާނަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ތެރެއިން ޢަރަބި ނޫން ދަރިކޮޅުން ވަޑައިގެންނެވި ހަމައެކަނި އުންމުލް މުއުމިނީންނެވެ.  

އެކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ ބަނީއިސްރާއީލް ދަރިކޮޅަށެވެ. އެކަމަނާގެ ކާބަފައިންގެ ތެރޭގައި ތިއްބެވީ މާތް ނަބީބޭކަލުންނެވެ. އެކަމަނާގެ އިސް ކާފާފުޅު ހާރޫނު عليه السلام އަކީ ނަބީބޭކަލެކެވެ. ހާރޫނުގެފާނުގެ ނަސަބުފުޅު ގުޅިފައިވަނީ ނަބިއްޔާ ޔަޢުޤޫބު عليه السلام އާއެވެ. ޔަޢުޤޫބުގެފާނުގެ ބައްޕާފުޅު އިސްޙާޤު عليه السلام އަކީ ވެސް ނަބީބޭކަލެކެވެ. އިސްޙާޤުގެފާނުގެ ބައްޕާފުޅަކީ އަބުލް އަންބިޔާއު އިބްރާހީމް عليه السلام އެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަކީ އިބްރާހީމް عليه السلام ގެ ދަރިކަލުން އިސްމާޢީލު عليه السلام ގެ މާތް ދަރިކޮޅުން ވަޑައިގެންނެވި ސައްޔިދުލް މުރްސަލީންނެވެ. ނަބީބޭކަލުންގެ ދަރިކޮޅަށް ނިސްބަތްވުމުގެ ގޮތުން އެންމެ މަތިވެރި، ޚާއްޞަ ނަސަބެއް ލިބިވަޑައިގެންނެވި ރަސޫލާގެ އަނބިކަނބަލަކީ ޞަފިއްޔަތުގެފާނެވެ. 

އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، ޞަފިއްޔާ ބިންތި ޙުޔައްޔުގެ އަރިހަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ކީރިތިކުރައްވާށެވެ. ވީކީއްތޯ އެއްސެވުމުން އެކަމަނާ ޖަވާބުދެއްވިއެވެ. [ޙަފްޞާ އަޅުގަނޑާ ދިމާއަށް ތިޔައީ ޔަހޫދީއެއްގެ ދަރިއެކޭ ވިދާޅުވެ މަލާމާތް ކުރެއްވީއެވެ.] އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم، ޙަފްޞާގެފާނަށް މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. [އޭ ޙަފްޞާއެވެ! ﷲ އަށް ބިރުވެތިވާށެވެ.] އެއަށްފަހު ޞަފިއްޔަތުގެފާނަށް ހިތްވަރުދެއްވަމުން ޙަދީޘްކުރެއްވިއެވެ. [ހަމަކަށަވަރުން ކަމަނާއަކީ ނަބިއްޔެއްގެ (ހާރޫނު عليه السلام ގެ) ދަރިކަނބަލެކެވެ. އަދި ކަމަނާގެ ބޮޑުބޭބޭފުޅަކީ ވެސް ނަބިއްޔެކެވެ (މޫސާ عليه السلام އެވެ). އަދި ކަމަނާގެ ފިރިކަލުންނަކީ ވެސް ނަބިއްޔެކެވެ.  ވީމާ ޙަފްޞާއަށް ކަމަނާގެ މައްޗަށް އޮތީ ކޮން މޮޅެއް ހެއްޔެވެ؟] (މުޞްޢަދު، 2001، ޞ 172). 

ކުރިންވެސް ދެންނެވި ފަދައިން ޞަފިއްޔަތުގެފާނަކީ ނަބީބޭކަލެއްކަމުގައިވާ ހާރޫނުގެފާނުގެ ދަރިކޮޅުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. މޫސާގެފާނަކީ ހާރޫނުގެފާނުގެ އަޚެކެވެ. އެކަމަނާގެ ފިރިކަލުންނަކީ މުޙައްމަދު صلّى اللّـه عليه وسلّم އެވެ. މި ޙާދިޘާއިން ދޭހަވަނީ އިސްލާމްދީނުގައި ނަސްލީ ތަފާތުކުރުންތަކާއި ބަހުގެ ހަމަލާތަކުން މީހުން ދަށްކޮށްލުން މަނާކުރައްވައިފައިވާ ކަމެވެ. ހަމައެއާއެކު، ޢާއިލީ މާހައުލެއްގައި ދިމާވާ ދެބަސްވުންތަކުގައި ވަކި ފަރާތަކަށް ނުޖެހި ޢަދުލުވެރިކަމާއެކު ކުށް އިޞްލާޙުކުރުމުގެ މުހިންމުކަންވެސް މި ޙާދިޘާއިން ދޭހަވައެވެ. އަނބިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަޅާލައި ހިތްވަރުދިނުމުގެ މަތިވެރި ނަމޫނާ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ސީރަތުން ފެނިގެންދެއެވެ. މީގެ އިތުރުން، މީހެއްގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ފަދަ ދަނޑިވަޅުތަކުގައި، ބުއްދިވެރި އަދި ބަލާޣާތްތެރި ބަސްތަކުން އެމީހެއްގެ ޙަޤީޤީ ޝަރަފާއި ޤަދަރު ހަނދާންކޮށްދީގެން އެމީހާގެ ނަފްސަށް ހިތްހަމަ ޖެހުން ގެނެސްދިނުމުގެ މުހިންމުކަން މި ހާދިސާއިން ވަރަށް ބޮޑަށް ސާބިތުވެއެވެ. 

ޙަފްޞާގެފާނު، ޞަފިއްޔަތުގެފާނާމެދު ވިދާޅުވި ބަސްފުޅުގައި ނަސަބުގެ ގޮތުން އެއްވެސް ދޮގެއް ނެތެވެ. ޞަފިއްޔަތުގެފާނަކީ ޔަހޫދީއެއްކަމުގައިވާ ޙުޔައްޔު ބިން އަޚްޠަބްގެ ދަރިކަނބަލެކެވެ. ނަމަވެސް، މި ހާދިސާގައި މައްސަލައަކަށްވީ އެކަމަނާގެ ވާހަކައިގެ ތެދުދޮގެއް ނޫނެވެ. މައްސަލައަކަށްވީ އެ ބަސްފުޅު ބޭނުންކުރެވުނު ގޮތާއި ނިޔަތެވެ. ތެދު ވާހަކައެއް ނަމަވެސް، މީހަކު ދަށްކޮށްލުމުގެ ގޮތުން ނުވަތަ ފުރައްސާރައެއްގެ ގޮތުގައި އެ ވާހަކަ ބުނުމަކީ އިސްލާމްދީން މަނާކުރާ ކަމެކެވެ.

މިއަދު އޮންލައިން