ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އެކުލަވައިލި މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމެވެ. އަދި ނުޙައްގުން ހޯދާ މުދާ ދައުލަތަށް ނެގުމާއި އެފަދަ މުދަލުން އިތުރު މަންފާއެއް ހޯދޭނެ މަގުތައް ބަންދުކުރުމަކީ ވެސް މި ބިލުގެ މަގުސަދެކެވެ.
މި ބިލުގައިވާ ގޮތުން، ކުށް ކޮށްގެން ހޯދާ މުދަލުގެ އިތުރުން، ކުށް ކުރުމަށް ބޭނުންކުރާ އެކިއެކި މުދާވެސް ދައުލަތަށް ނެގުމުގެ ބާރު ލިބިދެއެވެ.
މި ގާނޫނުގެ ދަށުން ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި، މީހަކު މެރުމާއި، މަސްތުވާތަކެތީގެ ކުށްތައް ހިމެނެއެވެ. މީގެއިތުރުން މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި، ކައުންޓަރފިޓްކުރުމާއި، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައްވެސް މި ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެއެވެ.