މާލޭގައި އަލަށް ޤާއިމުކުރާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީ އަންނަ އަހަރު ބޭނުންކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މާލޭގައި އަލަށް ޤާއިމުކުރާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީ އަންނަ އަހަރު ބޭނުންކުރަން ފަށަނީ

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މާލޭގައި ޤާއިމުކުރަމުންދާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެމީޑިއާއިން ގެނެސްދޭ "އަހަށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީ ޙުސައިން ފަހުމީ ފާހަގަކުރެއްވި ގޮތުގައި މާލޭގައި އަލަށް ބަހައްޓާ މި ދެ ތާނގީއަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު އަދި އެންމެ އުސް ތާނގީތަކެވެ. އަދި މިއީ މާލީ ގޮތުން ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދެ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މީގެއިތުރުން، ތާނގީތަކަށް ބޭނުންވާ ސާމާނު މިހާރު އޯޑަރުކޮށްފައިވާއިރު، އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުވަރީ މަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހުގެ ތެރޭގައި 20،000 ލީޓަރުގެ މި ފުރަތަމަ ތާނގީގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތަށް ގެނައުމެވެ. މި ތާނގީ ބޭނުންކުރަން ފެށުމުން ފެނުގެ ޑިމާންޑް އެންމެ މަތިވާ ވަގުތުތަކުގައިވެސް އެއްވެސް ދަތިކަމެއް ނެތި ފެން ފޯރުކޮށްދެވޭނެ ކަމަށާއި، މާލެއަށް ފެން ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ ގިނަ ގޮންޖެހުންތަކަށް މި މަޝްރޫޢުން ހައްލު ލިބޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މާލޭގައި މިހާރު ހުރި ގިނަ ކަންތައްތަކަށް ހައްލު ލިބިގެންދާނެ. މިހާރުގެ ކެޕޭސިޓީ 10،000 ސްކުއަރ ކިއުބިކް މީޓާރސްގެ ފެން މިހާރު މި ހުރީ. މިހާރު ހުރި ތާނގީއަކީ 30 އަހަރުވެފައިވާ ތާނގީއެއް. ގިނަ ދުވަސްވުމުން އެކި ދަތިތަކާއި ކުރިމަތިވޭ. އެގޮތުން މިހާރު ހުރި އިންފްރާސްރަކްޗަރ ބަދަލުވާން ޖެހޭ. އަލަށް ޤާއިމްކުރެވޭ ތާނގީ ނިމުމުން ކުރިން ހުރި ތާނގީ ތަޅާލާ އެތަނުގައި އައު ތާނގީ އެޅުމުގެ ފުރުސަތު ލިބޭނެ،" ފަހުމީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާ ދެވަނަ ތާނގީގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އެމްޑަބްލިޔުއެސްސީން ވަނީ އަމާޒު ހިފާފައެވެ.

މިއަދު އޮންލައިން