އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް މިހާތަނަށް 3 ބިލިޔަން ރުފިޔާ ނަގައިފި: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް މިހާތަނަށް 3 ބިލިޔަން ރުފިޔާ ނަގައިފި: އެމްއެމްއޭ

ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 3 ބިލިޔަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ އިޤްތިޞާދުގައި އިތުރުވެފައިވާ ފައިސާ ނުވަތަ އެކްސެސް ލިކުއިޑިޓީ ދަށްކުރުމަށް ކުރިއަށްގެންދާ މުހިންމު ފިޔަވަޅެކެވެ.

އިޤްތިޞާދުގައި ދިވެހި ރުފިޔާ ދައުރުވާ މިންވަރު މަދުކުރުމަށްޓަކައި، އެމްއެމްއޭ އިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އަލުން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، އިޤްތިޞާދުގައި ދައުރުވާ ރުފިޔާގެ މިންވަރު މަދުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަމުން އަންނަ ކަމަށެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ، "10 އަހަރަށް ފަހު އޯޕަން މާކެޓް އޮޕަރޭޝަން ފެށިއްޖެ. އަޅުގަނޑު ގަވަރުނަރަކަށް ހަވާލުވިއިރު 8 ވަރަކަށް ބިލިޔަން ރުފިޔާ އިތުރުވެފައި ހުރީ. އެ އެކްސެސް ރުފިޔާ އަޅުގަނޑުމެން މިދަނީ ނަގަމުން. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ އަޅުގަނޑުމެންވާނީ އެކްސެސް ލިކުއިޑިޓީ ތެރޭ ނަގާފައި،" ކަމަށެވެ.

އިޤްތިޞާދުގައި ދައުރުވާ ފައިސާ ހިފެހެއްޓުމަށް އަޅަމުންދާ މި ފިޔަވަޅުތަކުގެ ސަބަބުން، މާލީ ބާޒާރުގެ ހަމަޖެހުން ޤާއިމުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.

މިއަދު އޮންލައިން