ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ގޮތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމެވެ.
ފާސްކުރި ބިލުގައިވާ ގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށްޓަކައި އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި އެފަދަ ނިންމުމެއް ނިންމައި ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބިމަކަށް އެދިއްޖެނަމަ ކައުންސިލުން އެ ބިމެއް ގައުމީ އިދާރާއާ ހަވާލުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަކީ ލާޒިމްކަމެއްގެ ގޮތުގައިވެސް ވަނީ ހިމަނާފައެވެ.
މި ބިލުގައި ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން މަނާކުރާ ހާއްސަ މާއްދާއެއް ހިމަނާފައިވެއެވެ. އެގޮތުން، އެކަށީގެންވާ މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް މަނާކަމެއްގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.