ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި

ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އިސްލާހުތަކާއެކުގައެވެ. ސަރުކާރުން މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަޢާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުމެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކަށެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ފައިސާ ޖަމާކުރަންޖެހެނީ އަހަރަކު 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކުންނެވެ.

މީގެއިތުރުން، މި ފައިސާ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި، ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ފާސްކުރި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހު ފާސްކުރުމުގެ ކުރިން ފުނަދޫ ދާއިރާގެ މެންބަރު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިހާރު ޤާނޫނުގައި އޮންނަ ގޮތުން އެފަދަ ފަރާތްތަކުން މާރުކުރަންޖެހެނީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ %20 އެވެ.

މިއަދު އޮންލައިން