ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމާއި، ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުން މަނާކުރުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އިޤުތިސާދީ ކޮމިޓީން ގެނައި އިސްލާޙުތަކާއެކުގައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖަޢާކޮށް ހަރުދަނާކުރުމާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމެވެ.
މި އިސްލާޙުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މަސްވެރިކަމާބެހޭ ވުޒާރާއަށް ދެވިދާނެއެވެ. އަދި މިގޮތަށް ހުއްދަކުރާ މަސްވެރިކަމުގެ ބާވަތްތަކާއި، އެކަމާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް އަދި ނަގާނެ ފީތައް ގެޒެޓުގައި އާންމުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ޚާއްސަ ބަނދަރުތައް ތަރައްޤީ ކުރުމުގެ ހުއްދަ ދިނުމުގެ ބާރުވެސް ވުޒާރާއަށް ލިބިދެއެވެ.
ޤާނޫނަށް ގެނައި އިސްލާޙުގައި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކަށް ޚާއްސަ ރައްކާތެރިކަމެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގައި ކުރުން ހުއްދަކޮށްފައިވާ މަސްވެރިކަން ފިޔަވައި، އެނޫން ޙާލަތްތަކުގައި އެފަދަ ސަރަޙައްދުތަކުގައި މަސްވެރިކަން ކުރުމާއި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ޤާނޫނުގައި މަނާކޮށްފައިވާ ހަރަކާތެއް ހިންގުމުގެ ސަބަބުން އިދާރީ ފިޔަވަޅު އަޅާ ބޭރުގެ އުޅަނދުފަހަރު ނިސްބަތްވާ ޤައުމެއްގެ ސަބަބުން އެ އުޅަނދާމެދު އަމަލުކުރާނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ތަފްޞީލުކޮށްފައެވެ.