ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި މިއަދު ހިނގި ހިތާމަވެރި އަލިފާނުގެ ޙާދިސާއާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި، ހިތްދަތިކަން ލިބުނު ޢާއިލާތަކަށް ކެތްތެރިކަމާއި ތަސައްލީ މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮދުޢާ އެ ޢާއިލާތަކާއެކު ވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށާއި، ޕާކިސްތާނު ސަރުކާރަށާއި، އެޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
މީގެއިތުރުން، މި ޙާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤުގެ ސަބަބުން، ކުރިމަގުގައި ދިމާވެދާނެ މިފަދަ ޙާދިސާތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.