ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމު ދިރިއުޅުމަށާއި މުދަލަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެމަނިކުފާނު ނުހަނު ހިތާމަކުރައްވާކަންހާމަކުރެއްވިއެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި ހާދިސާގައި ފުރާނަގެއްލުނު ޢާއިލާތަކުގެ މެންބަރުންނަށް އެމަނިކުފާނު ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ. މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކަށް ތަޢުރީފު ކުރައްވާފައެވެ.