ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުޙަލާގެ ތެރެއިން ފޮނުވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅޭ މަޢުލޫމާތު ކަމާބެހޭ އެކި އިދާރާތަކުން ސާފުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލުތަކާއި، ސިޓީ ކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް ވަނީ އެއްކޮށްފައެވެ. މި މަޢުލޫމާތުތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރިއަށްދަނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމެއް މެދުވެރިކޮށެވެ.
އެޕްލިކޭޝަންތައް ޗެކްކުރުމުގެ ތެރޭގައި ރަޖިސްޓްރީއާ ގުޅިގެން ފުށުއެރުމެއް ހުރި ފަރާތްތަކަށް އެކަން އަންގައި، އެކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ ވުޒާރާއިން ދަނީ ފޯރުކޮށްދެމުންނެވެ. ފްލެޓާއި ގޯއްޗަށް އެދި ޢާއްމުން ހުށަހަޅާފައިވާ މަޢުލޫމާތުގައި ފުށުއެރުމެއް ހުރިނަމަ، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ސައްޙަ މަޢުލޫމާތު ސާފުކޮށްދިނުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ މުއްދަތު މިހާރު ވަނީ 21 ދުވަހަށް އިތުރުކޮށްދެއްވާފައެވެ.
އެހެންކަމުން ދީފައިވާ 21 ދުވަހުގެ ތެރޭގައި، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްދިނުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. އަދި މަޢުލޫމާތުގެ ފުށުއެރުންތައް ހުރިނަމަ، އެކަން އިސްލާޙުކުރުމަށް ބޭނުންވާ ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ މި ފޯމުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ.