ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅުނު ތާރީޚީ ފިޔަވަޅެއް: އޭސީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅުނު ތާރީޚީ ފިޔަވަޅެއް: އޭސީސީ

ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ އަދި ތާރީޚީ މުހިންމު ފިޔަވަޅެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން އެ ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަށް މަރުޚަބާ ވިދާޅުވެފައެވެ.

އޭސީސީން ވިދާޅުވީ މި ބިލުގެ ސަބަބުން، ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުޙައްޤު މަންފާ އަނބުރައި ދައުލަތަށް ނެގުމަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް މި ބިލުގެ ސަބަބުން ޤާއިމުވެގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

މިއީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވަމުން އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ "އަޅުގަނޑުމެންގެ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް" ކަމަށެވެ.

ކޮމިޝަނުގެ އުންމީދަކީ، މި ބިލު ވީ އެންމެ އަވަހަކަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ޢަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުން ކަމަށްވެސް އޭސީސީން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގުޅިގެން ގާތުން މަސައްކަތް ކުރުމުގައި ކޮމިޝަން ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް އެ ބަޔާނުގައި ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން