އަމާޒަކީ ރާއްޖޭގެ ޤައުމީ އެތްލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަމާޒަކީ ރާއްޖޭގެ ޤައުމީ އެތްލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުން: ރައީސް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޤައުމީ އެތްލީޓުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ މުޅިން ދުރު ބަޔަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި ކުޅިވަރު ވުޒާރާއާއި ކަމާގުޅުންހުރި އެކި ޖަމިއްޔާ ޖަމާޢަތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެތްލީޓުން ދުންފަތުން ދުރުކުރުމަށް ހިތްވަރުދީ، އެކަމަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މުއައްސަސާތަކުން ގުޅިގެން ކުރިއަށް ގެންދަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައި ތިބި އެތްލީޓުންތަކެއް އަޅުގަނޑުމެންގެ ހުރިހާ ޤައުމީ ޓީމުތަކުގައި ތިބުން. އެހެންވީމަ އެޓާގެޓަށް ދަންޏާ ކުރަންޖެހޭ މަސައްކަތެއް ނޫންތޯ ހުންނާނީ. އެހެންވީމަ ސްޕޯޓްސް މިނިސްޓްރީއާ ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހިތްވަރުދީގެން އިންސެންޓިވައިޒްކޮށްގެން ނޫނީ ގޮތްގޮތަށް މަގުފަހިކޮށްދީގެން އަޅުގަނޑުމެން ބަލަންޖެހޭނީ އެތްލީޓުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ހިފާފައިވާ އަމާޒާ އެއްގޮތަށް ކަންކަން ބައްޓަންކުރެވި، އެ އަމާޒަށް ވާސިލްވެވިއްޖެނަމަ އެތްލީޓުންގެ ސިއްހަތަށާއި ޕާފޯމަންސަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި އުންމީދަކީ ރާއްޖޭގެ ޒުވާނުންނަކީ ދުންފަތުން ސަލާމަތްވެފައިވާ ބަޔަކަށް ހެދުން ކަމަށާއި، ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ އަމާޒަށް ވާސިލްވެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން