އުންމީދަކީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭ ތިލަމާލެ ބުރިޖް މަޝްރޫއުގެ މަސައްކަތް ނިމިގެންދިއުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އުންމީދަކީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭ ތިލަމާލެ ބުރިޖް މަޝްރޫއުގެ މަސައްކަތް ނިމިގެންދިއުން: ރައީސް

އުންމީދަކީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖް މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައިލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2021 ވަނަ އަހަރުގެ ތެރޭގައި ފެށުނު ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ވަރަށް ކައިރިން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެއިރު ބުރިޖުގެ މަސައްކަތް ދިޔައީ ވަރަށް ލަސްކޮށްކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުގައި އެ މަޝްރޫއު ތަންފީޒުކުރުމުގެ ތެރެއިން ކުރިމަތިވި ބައެއް މައްސަލަތަކަށް އެމަނިކުފާނު އަލިއަޅުވައިލެއްވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރުގައި ބޭއްވުނު ބައްދަލުވުމެއްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވެވަޑައިގެންނެވި ފުރުސަތުގައި، މި މަޝްރޫއު ހަލުއިކަމާއެކު ކުރިއަށްގެންގޮސް ނިންމަވައިލެއްވުމަށް ބޭނުންފުޅުވާކަން ހިއްސާކުރެއްވި ކަމަށެވެ. އަދި މި މަޝްރޫއާއި އެނޫންވެސް ބައެއް މަސައްކަތްތައް ވިލަރެސްކުރުމަށް ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ހުށަހެޅުއްވި ކަމަށްވެސް ވިދާޅުވިއެވެ.

އެ ހުށަހެޅުއްވުމާ އެއްގޮތަށް ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލެވި، މަޝްރޫއުގެ މަސައްކަތް ހަލުއިކުރުމަށް ބާރުއެޅުނު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މި މަޝްރޫއަށް ދެމުންއައި ސަމާލުކަން އިތުރުކޮށް، މަސައްކަތް ކައިރިން ބަލަހައްޓައި އަވަސްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދިޔަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ: "އަޅުގަނޑުމެން މިސަރުކާރުން އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިކަމަށް ވަރަށް އިސްކަންދިން އެދުވަހުން ފެށިގެން، ފުރަތަމަ ދުވަހުން ފެށިގެން. ސީދާ މިނިސްޓަރ އަދި މިނިސްޓަރ ދަށުން އޮންނަ ޓީމު ދެން ކުރީގައިވެސް އަޅުގަނޑު ހައުސިން މިނިސްޓަރަކަށް ހުރިއިރު ޗައިނާ މޯލްޑިވްސް ބްރިޖު ހެދިއިރުވެސް އަޅުގަނޑުމެން އެއަށް ދިނިން އެންމެ ބޮޑު އިސްކަން. އަޅުގަނޑު ސީދާ ސައިޓަށް ހަފުތާއެކު އެއްފަހަރު ދިޔައިން، އަޅުގަނޑު ސީދާ ޕްރޮޖެކްޓުގެ ކަންކަން ދާ ގޮތް އޮފީސް ތެރެއިން ބަލަން. މިހެން ގޮސް އަޅުގަނޑާއި އަޅުގަނޑުގެ ދަށުން ޓީމު މަސައްކަތްކުރަމުންދިޔައީ ގާތްގަަނޑަކަށް 24 ގަޑިއިރު ރެއާއި ދުވާލު،" ކަމަށެވެ.

މިއަދު އޮންލައިން