އިންޖިނިއަރިންގ އަދި ސައިންސްގެ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އިންޖިނިއަރިންގ ދާއިރާތަކުން ކުރިއަށްދާ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް މަދު ކަމަށެވެ. ގިނަ ދަރިވަރުން ބޮޑަށް ޚިޔާރުކުރަނީ ވިޔަފާރިއާއި، މެނޭޖްމަންޓް އަދި ޤާނޫނީ ދާއިރާތައް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސައިންސް، މެތަމެޓިކްސް އިންޖިނިއަރިންއަށް ދަނީ ވަރަށް މަދުން. ބޮޑަށް ވިޔަފާރިއާއި މެނޭޖްމަންޓް، ޤާނޫނީ ދާއިރާތަކަށް މިދަނީ. އެއީވެސް މުހިއްމު ދިމަދިމާ. ރާއްޖޭގައި ވިޔަފާރި ކުރިއެރުމަށް، ޤާނޫނީ ދާއިރާ ކުރިއެރުވުމަށްވެސް ދިވެހިން ބޭނުންވޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މި ދާއިރާތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެއްދުން ކަމަށެވެ. ސިވިލް އިންޖިނިއަރިންގ، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް ދާއިރާތަކުން ދިވެހި ފަންނުވެރިން އުފެއްދިއްޖެނަމަ އޭގެ ބޮޑު ފައިދާއެއް މުޅި ޤައުމަށް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެކި މަޝްރޫޢުތަކަށް ރާއްޖެއިން ބޭރުގެ އިންޖިނޭރުން ގެނައުމުގެ ބަދަލުގައި، ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކާއި އިޤްތިޞާދީ މައިދާނުގައި ދިވެހި އިންޖިނޭރުން އިސްދައުރެއް އަދާކުރުމަކީ މުހިންމު ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.