ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން ދެ ޤައުމަށްވެސް ލިބެންހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ވަޒީރު ސަޢީދުގެ މި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އެއްބާރުލުން ކުރިއެރުވުމަށްޓަކައި ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޒިއާއޯމިންގްއާ ވަނީ ބައްދަލުކުރައްވާފައެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ދެފަރާތަށް ހޯދޭނެ ގޮތްތަކުގެ މައްޗަށެވެ. މީގެއިތުރުން، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން ހާސިލުކުރުމުގެ މަޤްޞަދުގައި، ދެ ޤައުމު ގުޅިގެން ހިންގޭނެ ތަފާތު ހަރަކާތްތަކާއި މަޝްރޫޢުތައް ފުޅާކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ޒަޢާމަތުގައި، ރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަން ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޒިއާއޯމިންގް ވަނީ ފާހަގަކުރައްވާފައެވެ.