ރަނގަޅު އާމްދަނީއެއް ލިބި އުފަލުގަ ދިރިއުޅެވޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ދިރިއުޅުމާ އާޚިރަތް ބާއްޖަވެރިކުރަން! އެއިރުން ލައްވަވާ ރަޙުމަތް މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ރަނގަޅު އާމްދަނީއެއް ލިބި އުފަލުގަ ދިރިއުޅެވޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ދިރިއުޅުމާ އާޚިރަތް ބާއްޖަވެރިކުރަން! އެއިރުން ލައްވަވާ ރަޙުމަތް މާބޮޑުވާނެ! އިން ޝާ ﷲ

މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ވަޒީފާ އަދާކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާ  އަންހެނުންވެސް ވަރަށް ގިނައެވެ. ވީމާ ކައިވެނިކުރަން ބޭނުންވެ ކައިވެނިކުރަނީ ހަމައެކަނި ފިރިމީހާގެ ކިބައިން ފައިސާގެ ތަނަވަސްކަމަށް ބޭނުންވެގެނެއް ނޫނެވެ.  

ހަމައެއާއިއެކު ގިނަ ފިރިހެނުންވެސް ކައިވެނިކުރަނީ ކޮންމެހެން އެމީހުންނަށް ކައްކައި ކާންދީ އަދި އެހެންވެސް މަސައްކަތްކުރާނެ މީހަކު ހޯދަން ބޭނުންވެގެނެއް ނޫނެވެ. ފިރިހެނުން އަމިއްލައަށްވެސް އެކަންކަން ކުރެއެވެ. އަދި އެއީ ނޯކަރަކު ލައްވައިވެސް ކުރުވިދާނެ ކަންކަމެވެ.  

މިޒަމާނުގައި ގިނަ އަންހެނުންވެސް އަދި ފިރިހެނުންވެސް ކައިވެނިކުރަނީ އެމީހުންނަށް ލޯތްބާއި އަޅައިލުން ދޭނެ ބައިވެރިއަކު ހޯދަން ބޭނުންވެގެންނެވެ. ކައިވެނީގެ ފުރަތަމަ ކޮޅުގައި އެކަންކަން ލިބިފައި ދުވަސްކޮޅެއްފަހުން އުނިވުމަކީ ގިނަ ކައިވެނިތަކެއް އެހައި އަވަހަށް ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.  

އިސްލާމް ދީނުގައިވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ އެކަކު އަނެކަކަށް ލޯތްބާއި އަޅައިލުން ދީގެން އެކުވެރިކަމާއިއެކު ދިރިއުޅުމެވެ. އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި އިޙްތިރާމްކޮށް އަޅުކަންކުރަން ހިތްވަރުދީ ވާގިވެރިވެ ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމެވެ.  

ދެމަފިރިންވެސް ވަޒީފާ އަދާކުރުމަކީ ނުވަތަ އާމްދަނީ ހޯދަން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަކީ އެކަކު އަނެކަކަށް ބަރޯސާވާން ނުޖެހޭތީ ފަސޭހައިން ވަރިވާ ސަބަބަކަށް ނުހަދާށެވެ. ދެމީހުންނަށްވެސް އާމްދަނީ ލިބޭނަމަ ފުދިގެން އުފަލުގައި ތެދުވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރާށެވެ. ފައިސާ ބާކީކުރެވޭނަމަ އިސްރާފުނުކޮށް ޙައްޖާއި ޢުމްރާވުން ފަދަ އަޅުކަން ކުރަން މަސައްކަތްކުރާށެވެ! އެއިރުން ދިރިއުޅުމުގައި ބަރަކާތް ލައްވަވައި އަދި ތަނަވަސްކަންވެސް އިތުރުކޮސްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން