ރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ އިޤްތިޞާދީ އެއްބާރުލުން ފުޅާކުރުމާ ގުޅޭ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޝިއާއޯމިންގއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، އެބަހީ އެފްޓީއޭގެ ދަށުން ލިބެންހުރި ފުޅާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން، ދެ ޤައުމު ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މިމަޝްވަރާ ބައްދަލުވުންތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު، ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާކަމަށެވެ.

މި ކަމަށް ވަޒީރު ސަޢީދު ވަނީ ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދެ ޤައުމަށް ވެސް ފައިދާހުރި ގޮތެއްގައި ވިޔަފާރީގެ ގުޅުން ބިނާކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހަރުދަނާ ކުރުމަށް ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މިއަދު އޮންލައިން