ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ގޮވާލައްވައިފި

ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ކެމްބޯޑިއާގެ ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ ޢާންމު ބަހުސްގައި ތަޤްރީރުކުރައްވަމުންނެވެ.

"ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ދުނިޔޭގެ ޞުލްޙައާއި އަމާންކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި އަސާސްތަކެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި މި އަސާސްތަކަކީ މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ މަޝްވަރާ ކުރުމަށް ފުރުޞަތު ފަހިވާތީ، ހަމަނުޖެހުމުގެ ބަދަލުގައި މަޝްވަރާއާއި އެއްބާރުލުން އިސްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކެމްބޯޑިއާއިން ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި، ޢަޒުމަކާއި، ޞުލްޙަވުމުގެ ރޫހެއް އޮވެއްޖެނަމަ އެކަންކަމުން އަރައިގަނެވޭނެކަން ކެމްބޯޑިއާގެ ތަޖުރިބާއިން ސާބިތުވާ ކަމަށެވެ.

އިންޑިއާ ކަނޑަކީ ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މައި ނާރުކަން ފާހަގަކުރައްވައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފަރުތައް ހަލާކުވުން ފަދަ ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެ ކަންކަން ކަމަށް ވިދާޅުވެ، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަކީ ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ބަޔާންކުރެއްވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެ ސަރަޙައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، މަޖިލީހުގެ ރައީސް ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވާނޭހެން އިންޞާފުވެރި، ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވަނީ، ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކުރުމަށާއި، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހެދުމަށާއި، ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޞުލްޙައާއި ހަމަޖެހުމާއި އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިއަދު އޮންލައިން