ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް ބައިނަލްއަޤްވާމީ ފްރޭމްވަރކްތައް ބައްޓަންކުރުމަށް މިނިސްޓަރ ޢަލީ ޝަރީފް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް ބައިނަލްއަޤްވާމީ ފްރޭމްވަރކްތައް ބައްޓަންކުރުމަށް މިނިސްޓަރ ޢަލީ ޝަރީފް ގޮވާލައްވައިފި

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮޕް ސަމިޓް (ކޮޕް17) ގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ރިޔާސީ މަޝްވަރާ ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓަރ ޢަލީ ޝަރީފް ތަޤްރީރު ކުރައްވައިފިއެވެ.

"ފްރޮމް އެމްބިޝަން ޓު އެކްޝަން: ޑެލިވަރިންގ ރިއޯ ސިނަރޖީސް އެކްރޮސް ދަ ޓްރިޕަލް ކޮޕް އިޔަރ" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ، ރިއޯ ކޮންވެންޝަންތަކުގެ މިހާރުގެ އަދި ކުރިއަށް އޮތް ދައުރުތަކުގެ ރިޔާސަތުތައް އެއްތަންކޮށްގެން ބޭއްވުނު މުހިންމު ސެޝަނެކެވެ. މިއީ 2026 ވަނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ޓްރިޕަލް ކޮޕް އިޔަރ" އިފްތިތާޙު ކުރުމަށާއި، ކޮޕް31 ގެ ރިޔާސަތުގެ ދަށުން "ރިއޯ ސިނަރޖީސް ގްރޫޕް ފޮރ އެކްޝަން" އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވަނީ، ތިމާވެއްޓާ ގުޅޭ ބައިނަލްއަޤްވާމީ އެކި މުއާހަދާތަކާއި ކޮންވެންޝަންތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އެ މުއާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ މިހާރުގެ އޮނިގަނޑުތަކާއި (ފްރޭމްވަރކް)، މިންގަނޑުތައް (އިންޑިކޭޓަރސް) އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ބައްޓަންކުރަންވާނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ ހާލަތަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މަންދޫބުން ބައިވެރިވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން